އާޖެންޓީނާގެ ތަރި މެސީ އިންޓަ މިއާމީއަށް އައުމުގެ ކުރިން ޑޭވިޑް ބެކަމް ވަނީ މެސީގެ ކުރަހުމުގައި ހުރި ދަތްތައް ހުދުކޮށްފައެވެ.
އާޖެންޓީނާގެ ތަރި ގެނައުމަށް އެމްއެލްއެސް ކްލަބުން ތައްޔާރުވަމުން ދަނިކޮށް އިންޓަ މިއާމީގެ ކޯ އޯނަރުގެ އަންހެނުން ވިކްޓޯރިއާ އާންމުކުރި ވީޑިއޯގައި ޑޭވިޑް ބެކަމް ލިއޮނެލް މެސީގެ ދަތްތައް ބޮޑު ކުރެހުމުގައި ހުދުކުރާތަން ވަނީ ދައްކާފައެވެ.
ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ވަކިވުމުގެ ކުރިން މެސީ އިންޓަ މިއާމީއާ ގުޅުމަށް އެއްބަސްވީ މިދިޔަ މަހު އެވެ. ދޮޅު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އެމްއެލްއެސް ކްލަބަށް ސޮއިކުރަން ތައްޔާރުވަމުން އަންނަ އުމުރުން 36 އަހަރުގެ މެސީގެ މޭޒުމަތީގައި ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އާއި ކުރީގެ ކްލަބް ބާސެލޯނާގެ ހުށަހެޅުންތައް ހުރި ނަމަވެސް މިއާމީއާ ގުޅެން ނިންމާ އަންނަ އާދީއްތަ ދުވަހު އެ ކްލަބުން މެސީގެ އާ އެއްބަސްވުން ރަސްމީކޮށް އިއުލާން ކުރާނެ އެވެ.
އެ މުހިންމު މުނާސަބަތުގެ ކުރިން އިންޓަ މިއާމީގެ ކޯ އޯނަރު ބެކަމް ވަނީ މިއާމީގެ އިމާރާތެއްގެ އެއްފަރާތުގައި ހުރި މެސީގެ ބޮޑު ކުރެހުން ސާފުކޮށްފައެވެ.
އިންސްޓަގްރާމް ވީޑިއޯއެއްގައި އޭނާގެ އަންހެނުން ވިކްޓޯރިއާ ބުނެފައި ވަނީ "އެހެންވީމަ ޑޭވިޑް ބެކަމް މިއާމީގައި މިތާ ލިއޮނަލް މެސީ ކުރެހުމުގެ ހަގީގަތުގައި ވެސް ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފައިވާ ކަމަށް އަޅުގަނޑަށް ހީވަނީ، ބަލާބަލަ ޑޭވިޑް ބެކަމްއަށް ނުކުރެވޭނެ ކަމެއް ނެތް، އައި އޭމް އިމްޕްރެސްޑް."
މި މަހު ފަހުކޮޅު އިންޓަ މިއާމީއާއެކު ޕްރެކްޓިސް ފަށަން ހަމަޖެހިފައިވާއިރު، ލީގު ކަޕްގައި ކްރޫޒް އަޒުލްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ކުޅެން ވަނީ ހަމަޖެހިފަ އެވެ.


