ޗައިނާގެ އިރުދެކުނު އައްސޭރިފަށުގެ ޕްރޮވިންސް ގުއާންގޑޮންގގެ ޕްރީސްކޫލަކަށް މީހަކު ވަދެ ވަޅިން ޙަމަލާދީފިއެވެ. 25 އަހަރުގެ ފިރިހެނަކު ދިން މި ޙަމަލާގައި 6 މީހަކު މަރުވެ އެކަކު ޒަޚަމްވެފައި ވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
ލިއާންޖިއާންގ ކިޔާ ސަރަޙައްދެއްގައި ހުންނަ އެސްކޫލަށް މި ޙަމަލާ ދިނީ އެސަރަޙައްދުގެ ރއްޔިތެއް ކަމަށާއި، އެމީހާ މިހާރު ހައްޔަރުކުރެވި ތަޙްޤީޤު ކުރިއަށް ދާކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިޙާދިސާއާއި ބެހޭ އިތުރު މަޢުލޫމާތެއް ލިބިފައި ނުވާކަމަށް ރޮއިޓާސް އިން ބުނެއެވެ.
މިިޙަމަލާގައި އަނިޔާ ލިބިފައިވަނީ ޓީޗަރަކާއި 2 ބެލެނިވެރިންގެ އިތުރުން 3 ދަރިވަރަކަށް ކަމަށް، އެ ސިޓީގެ ސަރުކާރުގެ އޮފިޝަލަކާއި ޙަވާލާދީ އިންޑިއާގެ ނޫހެއްކަމަށްވާ މިންޓް އިން ރިޕޯޓުކޮށްފައި ވެއެވެ.
މި ޚަބަރުވަނީ، ޗައިނާގެ އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ސޯޝަލްމީޑިއާ އެޕް ކަމަށްވާ ވެއިބޯގައި، 130 މިލިއަން ވިއުސް އާއިއެކު، މިއަދު އެންމެ ބާރަށް ފެތުރެމުންދާ އެއްޚަބަރަށް ވެފައެވެ.

