އިންޑިއާގެ އުތުރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެސަރަޙައްދުގެ ގިނަ އަވަށްތަކުގައި ފެންބޮޑުވެ، ފާއިތުވި 3 ދުވަހުގެ ތެރޭގައި މަރުވިމީހުންގެ ޢަދަދު މިހާރުވަނީ، 22 އަށް އަރާފައެވެ.
ފާއިތުވި 3 ދުވަހު ބޯކޮށްވެހުނު ވާރޭގެ ސަބަބުން ގިނަ އަވަށްތަކާއި ގެތަށް މިހާރުވަނީ ކަކޫތާފެނުގައެވެ.
އިންޑިއަން މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓް (އައި.އެމް.ޑީ.) އިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދިއްލީ، ހަރިޔާނާ، ހިމާޗަލްޕްރަދޭޝް، އުއްތަރަޕްރަދޭޝް، ރާޖިސްތާން، ޕަންޖާބު އަދި ޖައްމޫ-ކަޝްމީރަށާއި، އެތަންތަނާއި އިންވެގެންވާ ސަޙައްދުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައެވެ.
https://twitter.com/BhanotArt/status/1677969373892587520
ވިއްސާރައިގެ ސަބަބުން އުތުރު އިންޑިއާއިން ފެންނަމުންދަނީ ބިރުވެރި މަންޒަރުތަކެކެވެ. އަވަށްތަކުގެ ރައްޔިތުންގެ ދިރިއުޅުން އެފުށްމިފުށަށްޖެހި، އެއްގަމު އުޅަނދުތައް ކަރުދާސް ދޯނި ތަކެއް ފަދައިން އޮޔާދަނީއެވެ. ޗަކަ ފެންގަނޑު ބާރުމިނުގައި އަވަށްތަކަށް ވަންނަނީއެވެ. ކޯރުތައް ބަންޑުންވެ އެތަންތަނުގެ ކައިރީގައިވާ ޢިމާރާތްތަކުގައި ފެންގަނޑު ބޮޑުވަމުންދާ މަންޒަރުތަކުގެ ވީޑިއޯ ހިމާޗަލްޕްރަދޭޝް އާއި އުއްތަރަޕްރަދޭޝްގެ އިތުރުން ނިއުދިއްލީގެ މީހުން ވަނީ އޮންލައިންކޮށް ޙިއްސާކޮށްފައެވެ.
ދިއްލީގެ ހުރިހާ ސްކޫލުތަކެއް މިއަދު ވަނީ ބަންދުކޮށްފައެވެ. ދިއްލީ ސަރުކާރުން ވަނީ މިހާތަނަށް 16 ކޮންޓްރޯލް ރޫމެއް ޤާއިމުކޮށް ލައްކައަކަށްވުރެ ގިނަ ވެލިބަސްތާ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދީފައެވެ.
ޖަމްނާކޯރުގެ ފެންގަނޑު ބޮޑުވަމުންދާތީ އާއި ވިއްސާރައިގެ ސަބަބުން ބޮޑުވަމުންދާ ފެންގަނޑުގެ މައްސަލައާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ މަތީފެންވަރުގެ އޮފިޝަލުންގެ ބައްދަލުވުމެއް މިއަދު ދިއްލީގެ ޗީފް މިނިސްޓަރު ބާއްވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
އާދީއްތަ ދުވަހުން ފެށިގެން ޖައްމޫ-ކަޝްމީރު ސަރަޙައްދަށް އަދިވެސް އޮތީ ރަތް ސަމާލު އިޢުލާނު ކޮށްފައެވެ.

