ނޭޓޯގެ މެމްބަރަކަށް ވުމަށް ސްވިޑަން އިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެމެރިކާއިން ތުރުކީ ސަރުކާރުގައި އެދެފިއެވެ. ސްވިޑަން އަށް ތާއީދު ކޮށްދިނުމަށް އެމެރިކާއިން އެދިފައިވަނީ، ރައީސް ޖޯ ބައިޑަން، ފޯނުން ގުޅުއްވާ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން އާއި އާދީއްތަ ދުވަހު ދެއްކެވި ވާހަކަފުޅެއްގައި ކަމަށް ވައިޓްހައުސް އިން ބުނެފައިވެއެވެ.
ސްވިޑަންއަށް ނޭޓޯގެ މެމްބަރުކަން ނުލިބިގެން އުޅެނީ ތުރުކީއާއި ހަންގޭރީގެ ރުހުން ނުލިބިގެން ކަމަށް ޚަބަރު ލިބެއެވެ. ސްވިޑަން އަށް ތާއީދު ކުރުމަށް އުރުދުޣާން އިންކާރު ކުރައްވާފައި ވަނީ ސްވިޑަންގައި، ކުރުދީން، ތުރުކީ ސަރުކާރާއި ދެކޮޅު ޙަރަކާތްތައް ބޭއްވުމަށް އެޤައުމުން ހުއްދަދޭކަމަށް ބުނެއެވެ.
އަދި އެއަށްފަހު ފާއިތުވި އަޟްޙާޢީދު ބަންދާއި ދިމާކޮށް ސްވިޑަންގައި އެޤައުމުގެ ފުލުހުންގެ ހުއްދައާއި އެކު ހިންގި ޤުރުއާނަށް އިހާނެތިކޮށް ހިތުމުގެ ޖަރީމާގެ ސަބަބުން ވެސް ތުރުކީ ވަނީ އިތުރަށް ރުޅިގަދަވެފައެވެ. އެޙާދިސާ ކުށްވެރި ކުރައްވާ ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވަނީ ދެން ސްވިޑަންއަށް އާނއެކޭ ބުނެވެން ނޯންނާނެކަމަށް ވިދާޅުވެފައެވެ.
ބައިޑަންއާއި އުރުދުޣާންގެ މި ފޯނުކޯލުގައި އެމެރިކާގެ ހަނގުރާމްމަތީ މަތިންދާބޯޓު އެފް-16 ތުރުކީއަށް ވިއްކުމާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރައްވާފައި ވާކަމަށް ތުރުކީން ބުނެއެވެ.
ތުރުކީ އާއި ސްވިޑަންގެ އެންމެ އިސްވެރިންގެ މެދުގައި މިއަދު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ނޭޓޯގެ ސެކެޓްރީ ޖެނެރަލް ވެސް ވަނީ ވިދާޅުވެފައެވެ.

