ތުރުކީގައި ހިނގި އާދަޔާޚިލާފު ޙާދިސާއެއްގައި 2 އަހަރުގެ ތުއްތު ކުއްޖަކު ދަތް އެޅުމުން ހަރުފައެއް މަރުވެއްޖެއެވެ. ގެއިން ބޭރުގައި ކުޅެން އިން މި ކުއްޖާއަށް ފުރަތަމަ ޙަމަލާދިނީ އެހަރުފައެވެ. އޭގެ ބަދަލުހިފުމަށް ތުއްތުކުއްޖާ ވަނީ ހަރުފައިގައި ދަތްއަޅާފައެވެ.
ތުރުކީގެ ބިންގޯލްގެ ކަންޓަރުގެ ކައިރީގައިވާ އަވަށެއްގައި މިއަދު (10 އޮގަސްޓް، ހޯމަ) މިޙާދިސާ ހިނގި ތަނަށް ތުއްތުކުއްޖާގެ އަވަށްޓެރިން އެއްވީ އެކުއްޖާ ހަޅޭލަވާ އަޑަށެވެ. އޭރު ހަރުފަ އޮތީ އެކުއްޖާގެ ގައިގައި އޮޅާލައިގެންނެވެ. އަދި ތުއްތު ކުއްޖާ އިނީ ހަރުފައިގައި ދަތްއަޅައިގެންނެވެ.
މި ކުއްޖާވަނީ ވަގުތުން ހޮސްޕިޓަލަށް ގެންދެވި ކުޑަކުދިންނަށް ޚާއްޞަ ފަރުވާ ދެވިފައެވެ. ކުއްޖާގެ ޙާލު މިހާރު ރަނގަޅު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތުއްތު ކުއްޖާގެ ޙާލު މިހާރު ރަނގަޅު
ތުރުކީގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެހަރުފަ އެކުއްޖާގެ ގަޔަށް ވިހަލުމުގެ ކުރިން އެކުއްޖާ އުޅުނީ ހަރުފައާއިއެކު ކުޅޭށެވެ. އެހެން އުޅެނިކޮށް އެހަރުފަ އެކުއްޖާގެ ތިރީ ތުންފަތަށް ވިހަލުމުން އެކަމާ ރުޅިއައިސްގެން ތުއްތު ކުއްޖާ ދަތްއެޅުމުން ހަރުފަ ވަނީ މަރުވެފައެވެ.
މިޙާދިސާ ހިނގިވަގުތު މަސައްކަތުގައި ގެއިން ބޭރުގައި އުޅުނު އެކުއްޖާގެ ބައްޕަ މެހެމަތު އެރެކާން ބުނީ، "މިދަރިފުޅު ރައްކާތެރި ކޮށްދެއްވީ ﷲ ސުބުޙާނަހޫ ވަތަޢާލާ" އެވެ.
ތުރުކީގައި ތަފާތު 45 ވައްތަރެއްގެ ހަރުފައެއް އުޅޭއިރު، އޭގެ ތެރެއިން 12 ވައްތަރަކީ އިންސާނުންނަށް ނުރައްކާތެރި ވިހަގަދަ ހަރުފައެވެ. މިދިޔަ އަހަރުވެސް ތުރުކީގައި 45 އަހަރުގެ ފިރިހެނަކަށް ޙަމަލާދިން ހަރުފައެއްގައި އެމީހާ ވަނީ ދަތްއަޅާ މަރާލާފައެވެ.

