ބޯވިއްސާރައިގެ ކޮޅިގަނޑެއްގެ ސަބަބުން އެމެރިކާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ ވަމޮންޓުގައި ކުއްލިއަކާ ފެންބޮޑުވެއްޖެއެވެ. އެސަރަޙައްދުގެ ކޯރުތައް ފުރި ބަންޑުންވުމުގެ ސަބަބުން ސްއިފްޓް ބޯޓު ބޭނުން ކޮށްގެން ކިހާތަނަށް 50 ފަރާތެއް ރައްކާތެރި ސަރަޙައްދުތަކަށް ގެންދެވިފައި ވާއުރު، އިތުރު އެތައް ބަޔަކު ތިބީ ރައްކާތެރި ސަރަޙައްދުތަކަށް ދާން ބޭނުންވެފައެވެ.
ފެންބޮޑުވުމުގެ ސަބަބުން އެކަކު ވަނީ މަރުވެފައެވެ. އެއީ، ފުލުހެއްގެ ވަޒީފާ އަދާކުރާ 19 އަހަރުގެ އަންހެނެއް ކަމަށާއި، އޭނާ މަރުވެފައި ވަނީ ބޮޑުވި ފެންގަނޑުގައި އޮޔާދިއުމުގެ ސަބަބުންކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އޭނާ އޮޔާދިޔަ މަންޒަރު ކައިވެނި ކުރަން ތައްޔާރުވެފައިވާ އޭނާގެ ބައިވެރިޔާއަށް ފެނުނުކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ފެންބޮޑުވަމުންދާ ބައެއް ހިސާބުތަކުން ކޯރު ހުރަސްކުރުމަށް އަޅާފައިވާ ބްރިޖުތައް ވެއްޓިފައިވާ ކަމަށް ވެސް ދަނީ ބުނަމުންނެވެ. މޫސުން ލަފާ ކުރާ ފަރާތްތަކުންވަނީ ފެންބޮޑުވުން އަންގާރަދުވަހުގެ ނިޔަލަށް އިތުރުވަމުން ދާނެކަމަށް ލަފާކޮށްފައެވެ.
މިދިޔަ ހަފުތާ ބަންދު އައި އިރުވެސް މޫސުން ލަފާކުރާފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް 13 މިލިއަން އެމެރިކާ ރައްޔިތުންގެ ޙާލަތު ފުލުހުން ދިޔައީ ބަލަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފެންބޮޑުވުމުގެ ގެއްލުން 3-5 ބިލިއަން ޑޮލަރުގެ ޢަދަދަކަށް އަރާނެކަމަށް މޫސުން ލަފާކުރާ އަމިއްލަ ފަރާތެއް ކަމަށްވާ އެކިއު ވެދަރ އިން ލަފާކުރެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ނިއުޔޯކުގެ ލަގާޑިއަން އަދި ބޮސްޓަންގެ ލޯގަން އިން ހޯމަދުވަހު ވަނީ 1000 އަށްވުރެ ގިނަ ފްލައިޓްގެ ފުރާގަޑި ލަސްކުރެވި ނުވަތަ ކެންސަލް ކުރެވިފައެވެ.
ނިއުޔޯކުގެ ވެރިކަންކުރާ ސިޓީ އޯލްބަނީ އާއި ނިއުޔޯކު ސިޓީ އާއި ދެމެދުގެ ރޭލު ދަގަނޑުތަކަށް ގެއްލުން ވުމުގެ ސަބަބުން އެ ސަރަޙައްދުގެ ރޭލު ދަތުރުތައް ވެސް ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.
ވަމޮންޓް އަށް މިހާތަނަށް 7 ނުވަތަ 8 އިންޗީގެ ވާރޭވެހި މަގުތައް ވަނީ ކޯރުތަކަކަށް ބަދަލުވެފައެވެ. ވަމޮންޓްގެ އޮފިޝަލުން ވަނީ މިއީ، 2011 ވަނަ އަހަރު އެސަރަޙައްދަށް އެރި ހަރިކޭން އައިރީން އަށްވުރެވެސް ގެއްލުން ބޮޑު ޙާދިސާއެއް ކަމަށް ވިދާޅުވެފައެވެ.

