މި ސަރުކާރުން މަސްވެރިންނާއި މެދު އިހުމާލުވެފައިވާ ކަމަށާއި، އެގޮތުން ދެވަނަ ދައުރަކަށް ރައްޔިތުން ކިބައިން ވޯޓްއަށް އަހަން މި ސަރުކާރުން ލަދު ގަންނަންޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި މަސް ކިލޯއެއް ވިއްކާނީ މަދުވެގެން 22 ރުފިޔާއަށް ކަމަށްވެސް އެ ޕާޓީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ހއ. އިހަވަންދޫގައި ރޭ ބޭއްވި އެ ޕާޓީގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން، 19.50 ރުފިޔާއަށް ޑީސަލް ލީޓަރެއް ގަންނަ މަސްވެރިންނަށް މަސް ކިލޯއަކުން ލިބެނީ 17 ރުފިޔާ ކަމަށާއި އެމްއެންޕީގެ ސަރުކާރެއްގައި މަސް ކިލޯއަކަށް މަދުވެގެން 22 ރުފިޔާ ދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
“އަޅުގަނޑު ކައިރީގައި މަސައްކަތްކުރާ އިގުތިސާދީ މާހިރުން ޖެހި ހިސާބަށް ބަލާއިރުގައި އަޅުގަނޑުމެންނަށް 22ރ. ގައި އިރާދަކުރެއްވިއްޔާ މަސް ހިފެހެއްޓިދާނެ،”
އަދި އެމްއެންޕީގެ ސަރުކާރެއްގައި އިހަވަންދޫއިން މަސް އެކްސްޕޯޓުކުރެވޭވަރަށް ތަރައްޤީ ކުރާނެ ކަމަށާއި އެ ރަށުގެ ފިއުލް ސްޓޯރޭޖު މަތިކޮށް ރަށުން ތެޔޮ ލިބޭނެ ގޮތް ހަމަޖައްސާނެކަމަށެވެ.
އިހަވަންދޫގައި ބޭއްވި ޖަލްސާގައި އެމްއެންޕީގެ ސަރުކާރެއްގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ކުރަން ނިންމާފައިވާ ކަންކަން ހާމަކުރައްވަމުން ނާޒިމު ވިދާޅުވީ، އާމްދަނީގެ 60 ޕަސަންޓް ޑޮލަރުން ލިބޭ މީހުންނަށް ޑޮލަރު މާރުކުރެވޭނީ ބޭންކުން ކަމަށާއި ޑޮލަރު ރޭޓަކީ 15.42 ރުފިޔާ ނަމަވެސް ޑޮލަރު ގަންނަން ލިބެނީ 17.85 ރުފިޔާއަށް ކަމަށެވެ.
އަދި އެމްއެންޕީގެ ސަރުކާރުގައި ޑޮލަރު މައްސަލަ ހައްލުކުރަން ގެންނަ ބަދަލުތަކާމެދު ޑޮލަރު ލިބޭ މީހުންނާއި ވިޔަފާރިވެރިން ހިތްހަމަނުޖެހުނު ނަމަވެސް ގައުމު މުހިންމު ކަމަށެވެ.
“އަޅުގަނޑަކީވެސް ވިޔަފާރިވެރިއެއް. އެކަމަކު އަޅުގަނޑުވެސް ޖެހޭނީ އެއަށް ތަބާވާން. އަޅުގަނޑުގެ ކުންފުނި ޖެހޭނީ ތަބާވާން،” ނާޒިމު ވިދާޅުވިއެވެ.

