ފުވައްމުލަކު ސިޓީ ގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތަށް ގެނައި ހިލަ ބާޖެއް، 07 ޖުލައި 2023 ވަނަ ދުވަހު، އަރިއަޅައިގެން ފަރުމައްޗަށް ހިލަ ފޭބުމާއި ގުޅިގެން ފުވައްމުލަކުގެ ނާޒުކު ފަރަށް ލިބިފައިވަނީ އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކަކަށް ވާތީ، ފުވައްމުލަކު ސިޓީ ކައުންސިލުން އެމައްސަލަ ބަލަން ފަށައިފިއެވެ.
ފުވައްމުލަކު ސިޓީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރާއި މުޢާމަލާތުކޮށްގެން، އެހާދިސާ ހިނގާފައިވާ ގޮތުގެ މަޢުލޫމާތު ހޯދުމަށް ފުވައްމުލަކު ސިޓީކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މީގެ އިތުރުން ހާދިސާ އާއި ގުޅިގެން ފުވައްމުލަކުގެ ފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަދި މިކަމާއި ގުޅުންހުރި އެހެނިހެން ފަރާތްތަކާއި ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން މިމައްސަލަ ވަރަށް ގާތުން ބަލަމުން ދާ ކަމަށް ވަނީ މިއަދު ހާމަހާމަކޮށްފައެވެ.
މި މައްސަލަ އާއި ގުޅިގެން އެ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ބާޖު އަރިއަޅައިގެން ފަރުމައްޗަށް ހިލަ ފޭބުމާއި ގުޅިގެން ފުވައްމުލަކު ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާ އެއިދާރައަށް ތަފާތު އެކިގޮތްގޮތަށް ލިބެމުންދާ ކަމަށާއި، ފުވައްމުލަކަކީ ތިމާވެށީގެ ގޮތުން ބަލާއިރު ވަރަަށް ނާޒުކު ފަރެއް އޮންނަ ރަށެއް ކަމަށެވެ.
އަދި އެ ރަށުގައި ކުރިއަރަމުން އަންނަ ފީނުމާއި ފަތުރުވެރިކަން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ފުވައްމުލަކުގެ ފަރާއި ކަނޑުގެ ދިރުންތައް ހިމެނޭ ގޮތަށް ފުވައްމުލަކުގެ ތިމާވެށީގެ ރީތިކަމުގެ މައްޗަށް ކަމަށާއި މީގެ އިތުރުން ފުވައްމުލައް ކައިރިން މަސްވެރިކަން ކުރުމަށް ފުވައްމުލަކުގެ ފަރަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ވަޞީލަތެއް ކަމަށް ވާތީ، ބާޖު އަރިއަޅައިގެން ފަރުމައްޗަށް ހިލަ ފޭބުމާ ގުޅިގެން ފުވައްމުލަކުގެ ފަރަށް ލިބޭ ގެއްލުމަކީ ފުވައްމުލަކުގެ ތިމާވެށްޓަށާއި، ފީނުމާއި، ފަތުރުވެރިކަން އަދި މަސްވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމެއް ކަމަށެވެ.’
އެހެންކަމުން، ޕްރޮޖެކްޓްތައް ކުރިއަށްގެންދާ ފަރާތްތަކާއި މިފަދަ މަސައްކަތްތައް ފުވައްމުލަކުގައި ކުރާ ފަރާތްތަކުން މި ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

