ރާއްޖެއިން އިންޑިއާ އާއިއެކުގައި ނުވަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ފޮރިން މިނިސްޓަރު ޝާހިދު މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ.
އެގޮތުން ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރެއްވި އެއްބަސްވުންތަކުގެ ތެރޭގައި ހއ. އުތީމު ގަނޑުވަރުގެ ފުރާޅު ރައްކާތެރިކުރުމާއި، ގަނޑުވަރުގެ ވަށައިގެންވާ ސަރަހައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢު އާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތް ޔުނިޓެއް ޤާއިމުކުރުމާއި، ށ.ކޮމަންޑޫގައި ވޮލީ ކޯޓެއް އެޅުމާއި، މ. ދިއްގަރުގައި ގޭދޮށު މަސްޕްލާންޓް އެޅުމާއި، ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރަށް ފަރުނީޗަރާއި ވަސީލަތްތައް ހޯދުމުގެ އެއްބަސްވުމާއި، ތ.ވިލުފުށީ ސުކޫލުގައި ސުކޫލް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓެއް ހިންގުމާއި، ފ. ނިލަންދޫ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމާއި، ސަރުކާރު ސުކޫލުތަކުގެ ކޮމްޕިއުޓާ ލެބްތައް އަޕްގްރޭޑް ކުރުމުގާއި ގއ. ކޮނޑޭގެ މަގުތަކުގައި މަގު ބައްތި ހަރުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއި ކޮށްފައެވެ.
މީގެ އިތުރުން، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއާއި ލ. ގަމުގައި ކެންސަރު ހޮސްޕިޓަލް އެޅުމާއި އަދިވެސް ރަށްރަށުގައި އެކި ފެންވަރު އެކި މަސައްކަތްތައް ކުރުމަށް އިންޑިއާއިން ފައިސާ ހަމަޖައްސާދީފައިވެ އެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ބަނދަރުތައް ތަރައްގީ ކުރުމާއި، މަގުބައްތި ބެހެއްޓުމުގެ މަސައްކަތްތައް ވެސް ހިމެނެ އެވެ.
މި ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ މާލޭން ތިލަފުއްޓާ ހަމައަށް ގުޅާލާ ބްރިޖާއި ގުޅީފަޅުގައި ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ވެސް އިންޑިއާގެ އެގްޒިމް ބޭންކުން ދިން 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އެވެ.
ޝާހިދު އިންޑިއާ އަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

