އަދަބީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، މަޝްހޫރު ޅެންވެރިޔާ އާމިނަތު ޢައްބާސް މިއަދު އަވަހާރަވެއްޖެއެވެ.
“ޑޭޒީމާ” ގެ ނަމުން މަޝްހޫރު ވެފައިވާ ޅެންވެރިޔާ، ގ.ޑޭޒީމާގޭ، އާމިނަތު ފާއިޒާގެ ދަރިކަނބަލުން ކަމަށްވާ އާމިނަތު އައްބާސް އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި އޭ.ޑީ.ކޭ. ހޮސްޕިޓަލުގައެވެ.
އަވަހާރަވި އިރު އުމުރުފުޅުން 69 އަހަރުގެ އާމިނަތު އައްބާސް އަކީ ޅެން ހެއްދެވުމާއި ޅެންވެރިކަން ދަސްކޮށްދެއްވުމުގައި ގިނަ މަސައްކަތްތައް ކުރެއްވި ބޭފުޅެކެވެ.
އެބޭފުޅާ ވަނީ ދިވެހިބަހާއި ތާރީޚަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ހިންގާ ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯސްތަކާއި ދިވެހި ނާދީ އާއި ދިވެހި ނާދީގެ އަތޮޅުގޮފިތަކާ ގުޅިގެން އަތޮޅުތަކާއި މާލޭގައި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯސްތައް ވިލަރެސްކުރައްވައި މަޢުލޫމާތު ދެއްވައިފަ އެވެ.
ޅެންހެދުމުގެ ބައެއް މުބާރާތްތަކާއި ލަވަ މުބަރާތްތަކާއި ފިލްމު ފެސްޓިވަލުގެ ޅެމާއި ލަވައިގެ ފެންވަރު ބެއްލެވުމާއި އިންސާފު ކޮށްދެއްވުމުގެ މަސައްކަތް ވެސް އެބޭފުޅާ ވަނީ ކުރައްވާފައެވެ.
އާމިނަތު އައްބާސްއަށް ލިބިވަޑައިގެންނެވި ކާމިޔާބީތަކުގެ ތެރޭގައި، ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރްކަޒުން 9 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން އެއް ވަނަ އާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވި ދީނީ ޅެންހެދުމުގެ މުބާރާތުން އެއް ވަނަ އާއި ގައުމީ ޅެންހެދުމުގެ މުބާރާތްތަކުން މަތީ ވަނަތައް ހާސިލުކުރެއްވުން ހިމެނެއެވެ.
ފަހުގެ ތަފްޞީލު:
އައިމިނަތު ޢައްބާސްގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ، މިއަދު (12-7-2023) ޢަޞުރު ނަމާދަށްފަހު، ހުޅުމާލޭ ސަޙަރާ މިސްކިތް، މަސްޖިދު ޒައިދު ބިން ޘާބިތުގައެވެ.

