ނ. ހޮޅުދޫގައި މަގުހެދުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ގެއެއްގެ މަގުފާރު ވެއްޓި 3 މީހަކަށް އަނިޔާ ވެއްޖެއެވެ. މިޙާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މަގު ހެދުމުގެ މަސައްކަތް މަސައްކަތް ކުރަމުންދިޔަ 3 މީހެއްގެ ގައި މައްޗަށް އެފާރު ވެއްޓުނު މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
އެ ވީޑިއޯ އިން ފެންނަގޮތުގައި މަގުގެ އަރިމަތިން ކޮނެފައިވާ ތަނުގައި، މަގުހެދުމުގެ މަސައްކަތުގައި، ޙަރަކާތްތެރިވާ 3 މީހަކު އެވަގުތު ތިއްބެވެ. އިރުކޮޅެއްގެ ތެރޭގައި އެ ދިމާގައި ހުރި ހުދުކުލައިގެ ފާރު އަރިއަޅާލައި، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފާރު އެއްކޮން ވެއްޓުނެވެ. އެތަނުން ދުރަށް ޖެހިލާހައި ވަގުތުވެސް އެ 3 މީހުންނަށް ނުލިބުނެވެ. ފާރު ވެއްޓުނު އިރު އެފާރުގެ ކައިރީގައި ހުރި ކަރަންޓު ފޮށިވެސް އޭގެ ބުޑުގަނޑާއި އެއްކޮށް ވަނީ ވެއްޓިފައެވެ.
ރޯޑް ޑިވޮލޮޕްމެންޓް ކޯޕޮރޭޝަން (އާރް.ޑީ.ސީ.) އިން ކުރަމުންދާ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން އަނިޔާވި މި ތިން މީހުންނަށް ހޮޅުދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެވިފައި ވާކަމަށް ޚަބަރު ލިބެއެވެ.
ހޮޅުދޫ ޞިއްޙީ މަރުކަޒުން ހުވަދޫ މީޑިއާއަށް މަޢުލޫމާތު ދެއްވިގޮތުގައި، އަނިޔާވި 3 މީހުންގެ ތެރެއިން އެކެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އަނެއް ދެމީހުންނަށް ބައެއް ކުދި ކުދި އަނިޔާތަށް ލިބިފައިވާއިރު، އެ 3 މީހުންނަށް ވެސް މަރުކަޒުން ދެވެންހުރި ފަރުވާއެއް ދިނުމަށްފަހު، މިހާރުވަނީ ރ އުގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ރިފަރ ކުރެވިފައެވެ.

