މެތޭން ބޭނުންކޮށްގެން އުދުހޭ ދުނިޔޭގެ އެންމެ ފުރަތަ ރޮކެޓު ޗައިނާއިން ކާމިޔާބު ކަމާއިއެކު އޭގެ އޯބިޓަށް ފޮނުވާލައިފިއެވެ. ޗައިނާގެ އަމިއްލަ ކުންފުންޏަކުން މިކަން ކާމިޔާބު ކޮށްފައިވާއިރު، ވާދަވެރި އެމެރިކާގެ ކުންފުނި ތަކުން ވެސް ދިޔައީ މިކަމަށް ވާދަކުރަމުންނެވެ.
ޗޫޗޭ-2 ގެ ނަންދީފައިވާ މި ރޮކެޓު ފޮނުވާލާފައި ވަނީ މިއަދު ހެނދުނު ޗައިނާ ގަޑިން 9:00 ގައެވެ. މި ރޮކެޓު ޗައިނާގެ ހުޅަނގު އުތުރުގައި އޮންނަ ޖިއުގުއާން ސެޓެލައިޓް ލޯންޗު ސެންޓަރުން ފޮނުވާލުމާއިއެކު، ރޭވިފައިވާ ގޮތަށް، އޭގެ އުދުހުން ކާމިޔާބު ކޮށްފައި ވާކަމަށް ޗައިނާގެ ޤައުމީ ޓީވީން ބުނެއެވެ.
މިއީ، ވެރިރަށް ބެއިޖިންގގައި ހުންނަ ލޭންޑްސްޕޭސް ކުންފުނިން މިފަދަ ރޮކެޓެއް ފޮނުވާލަން މަސައްކަތް ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ފާއިތުވި ޑިސެމްބަރު މަހު އެކުންފުނިން ފޮނުވާލި މިފަދަ ރޮކެޓު ވަނީ ކާމިޔާބު ނުވެފައެވެ.
މެތޭން އަކީ ޖައްވު ނުސާފުވުން، އެހެން ގޭސްތަކަށް ވުރެ ކުޑަކޮށްދޭ، ރައްކާތެރި، އަދި ރޮކެޓުގެ ބައިތައް ދެވަނަފަހަރަށް ބޭނުންކުރުމަށް މަގުފަހިކޮށްދޭނޭ ބާވަތެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗައިނާގެ މި ކާމިޔާބާއިއެކު އެޤައުމުން މިވަނީ، އީލޮން މަސްކްގެ ސެޕޭސް އެކްސް އާއި ޖެފް ބެޒޯސްގެ ބްލޫ އޮރިޖިންގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ލޭންޑްސްޕޭސް ވެފައި މިވަނީ މިފަދަ ރޮކެޓެއް ފޮނުވާލުމުގައި ކާމިޔާބު ހޯދި ޗައިނާގެ 2 ވަނަ ކުންފުންޏަށެވެ.
އޭޕްރީލް މަހު، ބެއިޖިންގ ގެ ތިއަންޕިންގ ޓެކްނޮލޮޖީއިން ވަނީ ކެރޮސީން-އޮކްސިޖަން ބޭނުންކުރާ ރޮކެޓެއް ކާމިޔާބުކަމާއި އެކު ޖައްވަށް ފޮނުވާލާފައެވެ. މިއީ މެތޭން ރޮކެޓެއް ހެދުމަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެކެވެ.
އަމިއްލަ ކުންފުނިތަކުން ޖައްވަށް ސެޓެލައިޓް ފޮނުވުމުގެ ދާއިރާއަށް ވަދެފައި މިވަނީ ޗައިނާގެ ސަރުކާރުން 2014 ވަނަ އަހަރު އެކަމަށް ހުއްދަ ދިނުމުންނެވެ. ލޭންޑްސްޕޭސް އަކީ ޗައިނާގައި އުފެދުނު މިފަދަ އެންމެ ދުވަސްވީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ.

