އިންޑިއާގެ އުތުރަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ޖަމްނާކޯރު ފުރި، ބަންޑުންވަމުންދާ ފެންގަނޑު ވެރިރަށް ނިއު ދިއްލީގެ މައިމަގުތަކަށް ފޯރައިފިއެވެ. ދިއްލީގެ ގިނަ ސްކޫލުތަކެއް މިހާރު ވަނީ ބަންދުކޮށްފައެވެ.
ދިއްލީގެ މައި މަގުތަކުގައި މިހާރު ފެންބޮޑުވެފައި ވާއިރު، މީހުން ދިރިއުޅޭ ގިނަ ގެތަކަށް ވެސް ފެންގަނޑު ދަނީ ވަންނަމުންނެވެ. މިކަމުގެ ސަބަބުން ހަރުފަ އާއި ކިނބޫފަދަ ތަކެތީ ގެތަކުގެ ތެރެއަށް ވަދެދާނެ ކަމުގެ ބިރުވެރިކަން ވަނީ ޢާއްމުންގެ މެދުގައި އިތުރުވެފައެވެ.
މިއަދު ހެނދުނު 7 ޖެހިހާއިރު ޖަމްނާ ކޯރުގެ ފެންގަނޑު ހުރީ 208.46 މީޓަރުގައި ކަމަށް އެން.ޑީޓީވީ. އިން ރިޕޯޓު ކުރެއެވެ. މިއީ، ޢާއްމުންނަށް ނުރައްކާވެދާން ކަމަށް ބެލެވިފައިވާ މިންގަނޑަށް ވުރެ 3 މީޓަރު އިތުރު ޢަދަދެކެވެ.
މި ޙާލަތުގައި ދިއްލީ އަށް ސާފު ފެން ފޯރުކޮށްދޭ 3 ކުންފުންޏެއް މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. ބޮޑުވަމުންދާ ފެންގަނޑު ސާފު ފެނުގެ ނިޒާމައި ގުޅި، ގެތަކަށް ފޯރުކޮށްދޭ ފެން ތަޣައްޔަރު ވެދާނެ ކަމުގެ ބިރުވެސް މިހާރު ވަނީ ހީވެފައެވެ.
ހަރިޔާނާއާއި ވީފަޅިން ޖަމްނާ ކޯރަށް ފައިބަމުންދާ ފެންގަނޑު މިއަދުގެ މެންދުރު ފަހު 2 ޖަހާ ހާއިރު، މަދުވާން ފަށާނެކަމަށް އިންޑީއާގެ ސެންޓްރަލް ވޯޓަރ ކޮމިޝަނުން ވަނީ ލަފާކޮށްފައެވެ.

ފެންބޮޑުވަމުން ދާސަރަޙައްދު ތަކުން މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސް ދިނުމުގައި މިހާރު ވެސް 12 ޓީމަކުން ޙަރަކާތެރި ވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ދިއްލީގެ ތިރި ހިސާބުތަކުން މިހާތަނަށް 16،000 ފަރާތެއް ރައްކާތެރި ސަރަޙައްދުތަކަށް ގެންދެވިފައި ވާކަމަށް ޚަބަރު ލިބެއެވެ.
ޖަމްނާ ކޯރުގެ ފެންގަނޑު މިފަހަރު ބޮޑުވެފައި މިވަނީ ފާއިތުވި 45 އަހަރުގެ ރެކޯޑު ތަކާއި ނުބައްދަލު މިންވަރަކަށެވެ.

