އަލީ ވަހީދުއަކީ ކެތްތެރި ވިސްނުންތޫނު ބޭފުޅެއް ކަމަށާއި، އޭނާގެ ބޮލުގައި އެޅުވިފައިވާ ކަންތައްތަކުން ބަރީޢަ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރެއްވި ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވެފައި މިވަނީ ގާސިމް އާއި ބައްދަލުކުރެއްވުމަށް އަލީ ވަހީދު މިއަދު މާމިގިލީ އިންޓަރނޭޝަނަލް އެއާޕޯޓްއަށް ވަޑައިގަތުމުން، އެއާޕޯޓްގައި ހުންނަވައި، ވަގުތު ނޫހާއި ވާހަކަދައްކަވަމުންނެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ އަލީ ވަހީދުއަށް ދިމާވީ ހަސަދަވެރިންގެ އެތިފަހަރެއް ކަމަށެވެ. އަދި އުމުރުގެ ޅައިރު އާއި ފަހުކޮޅުވެސް ކަންތައް ދިމާވާނެ ކަމަށާއި، ކުރިމަތިވާ ކަންތައްތަކުން ނާއުންމީދުވެގެން ދިޔުމަކީ ވެގެންވާނެ ކަމެއް ނޫންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
“އަލީ ވަހީދު ވަަރަށް އިނޮސެންޓްކަން އަޅުގަނޑުމެންނަށްވެސް ގަބޫލު ކުރެވޭތީ، އެނގޭތޯ، އެކަން ފެށިގެން އައި ގޮތުންވެސް، އެނގުނު، އެއަށް ފާޑުކިޔާކަށް މިހާރު ނެތީމު”
ރާއްޖެއަށް ދިމާވި އެންމެ ބޮޑު އެއް ބަލިމަޑުކަން ކަމަށްވާ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި މިނިސްޓަރއަކީ އަލީ ވަހީދުކަމަށާއި އެއި ހުރިހާ ރައްޔިތުންނަށްވެސް އިނގޭނޭ ކަމެއްކަމަށް ގާސިމް ވިދާޅުވިއެވެ.
އަދި އެއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއަށްވެސް އެނގިވަޑައިގަންނަވާނޭ ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަލި ވަހީދު ރާއްޖެ އައުމަށްފަހު އެންމެ ފުރަތަމަ ބައްދަލު ކުރެއްވި ސިޔާސީ ލީޑަރަކީ ގާސިމްއެވެ.
އަލީ ވަހީދަކީ ގާސިމް އަރިހު 2018 ގެ ރިޔާސީ އިންތިހާބުގައި ޖަރުމަނުގައި ޕާޓީގެ އެންމެ އިސްކޮށް އަދި އަރިސްކޮށް އިންތިހާބީ ނިންމުންތައް ނިންމުމުގެ ބައިވެރިޔާއެވެ.
ޓްއަރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވި، އެމައްސަލައިގައި ދައުވާ އުފުލުމުން އަލީ ވަހީދު ރާއްޖެ އިން ފުރައިގެން ދިޔައީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
އަލީ ވަހީދު ޖުލައި 11 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވިއިރު، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާން ނެތުމުން، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ އެ މައްސަލަ އަނބުރާ ގެނެސްފައެވެ.

