މައިންބަފައިންނަށް ވުމަކީ ނުވަތަ ބެލެނެވެރިންނަށް ވުމަކީ، އެކަމުގައި ދަތިތަކާއި ހިތާމައާއި އުފާވެރިކަމާއި ހިތްދަތިަކންވެސް އޭގައި އެކުލެވޭނޭ ކަމެއްކަން ޔަގީނެވެ. އެގޮތުން، ކުއްޖާ ފުރަތަމަ ބަސް ބުނެލާ ވަގުތުން ފެށިގެން، މަތީ ތަޢުލީމު ހާސިލްކުރުމަށް ނުވަތަ އެއަށްވުރެ މައްޗަށް ކިޔެވުމަށް ދަރިފުޅުން ގެއިން ނުކުމެގެން ދާ ވަގުތާއި ހަމައަށް އެފަދަ އެތައް ގިނަ އިހުސާސްތަކެއް މައިންބަފައިން ތަޖުރިބާ ކުރަން ޖެހެއެވެ.
ނަމަވެސް އެއްކަލަ އިތުރަށް ކިޔަވަން ދަރިފުޅު ނުކުންނަ ހިނދުން ފެށިގެން ދެން އެ ކުރުވާ އިހުސާސްތަކަކީ ދުލުން ބުނެދޭން ނެގޭ ފަދަ އިހުސާސްތަކެވެ.
ނަމަވެސް ތަޢުލީމާއި ނުލާ މިއަދު ދިރިއުޅުން އާރާސްތުކުރަން އުނދަގުލެވެ. އެހެންކަމުން ޒުވާން ބޮޑެތި މީހުން އެމީހުންގެ ފިޔަތައް ފަތުރައި ކުޑައިރު ދިރިއުޅުން އާރަސްތު ކުރި ގެތަކުން ނުކުމެ އެއަށްވުރެ މާދުރަށް ދަތުރުކުރަންޖެހެއެވެ.
މިއަދު ހުރިހާ ކަމެއްވެސް ފަސޭހަ ކަމާއިއެކު ކުރެވެން އަންނަނީ ތަޢުލީމު ހާސިލްކޮށްގެން ކަމުން އެކަން ކުރުމަށްޓަކައި ގިނަ ފަހަރަށް މި ޖެހެނީ އަމިއްލަ ވަޒަން ދޫކޮށް މައިންބަފައިންނާއި މާދުރަށް ދަތުރުކުރާށެވެ. އަބަދުވެސް، އެފަދައިން ދިރިއުޅުން ބައްޓަންކުރާއިރު، ދިމާވާ ދަތިތަކާއި އުނދަގޫތަކުގެ ވާހަކަ ތަކުގެ އަޑު އިވެއެވެ. އަމިއްލަ ދިރިއުޅުމެއް ފެށުމުން ކުރިން ތަޖުރިބާ ކުރަން ނުޖެހޭ އެތައް ކަމަކާއި، ދިމާވެ ދިރިއުޅުމުގެ ރާސްތާ ކަޑައްތުކުރުމުގައި ގޮންޖެހުންތައް ދިމާވާ ވާހަކަ ތަކަކީ އާންމު ވާހަކަތަކެވެ.
ނަމަވެސް، އެއްކަލަ ނުކުމެގެން ދާ ގެތަކުގައި ތިބޭ، ތިމާގެ ލޯބިވާ މައިންބަފައިން ކުރާ ހިތާމަ ތަކާއި، ދިމާވާ ދަތިތަކުގެ ވާހަކަ ދައްކާލާ މީހަކު ނުވެއެވެ. އެއްކަލަ ގެތަކުގައި ބާކީވަނީ ކާކުކަން އަހަރެމެންނަށް ގިނަ ފަހަރު ހަނދާން ނައްތާލެވެއެވެ. ގިނަ ފަހަރު އަމިއްލަ ދަތުރުތައް ފަށައިގަންނައިރު މައިންބަފައިން ފަހަތަށް ޖެހެނީ ކުއްލިއަކަށް އެކަހެރިކަމުގެ އިހުސާސްތަކާއި އެކުގައެވެ.
އާންމު ގޮތެއްްގައި އެއީ ފަޚުރުވެރިކަމާއި، އެދުންވެރިކަމާއި، އެކަނިވެރިކަމާއި، ބާކީވުން ފަދަ މަސްހުނި އިހުސާސްތަކެއް މައިންބަފައިންނަށް އިހުސާސްކުރުވާ ކަމެކެވެ. މިއީ ސިންޑްރޯމް އެއްކަން ފާހަގަކޮށްލަންޖެހެއެވެ. “އެމްޕްޓީ ނެސްޓް” ސިންޑްރޯމްގެ ނަމުން ނަންދީފައިވާ މި ކަމަކީ އެއީ އަމިއްލަ ޒާތުގައި ކުރުވާ އިހުސާސްތަކެއް ނޫނެވެ.
ސީދާކޮށް ދަންނަވާނަމަ، އެމްޕްޓީ ނެސްޓް ސިންޑްރޯމް އަކީ ދަރިން ގެއިން ބޭރަށް ނިކުތުމުން މައިންބަފައިންނަށް ހިތާމައާއި ހުސްކަމުގެ އިހުސާސް ކުރެވޭ ކަމެވެ. އަދި ކުއްލިއަކަށް ޝެޑިއުލް ނުކުރެވޭ ވަގުތުތައް ނުވަތަ ގޮތްތަކަކަށް ކަންކަން ދާތަން ފެނުމުން އެކަނިވެރިކަމާއި ނުތަނަވަސްކަމުގެ އިހުސާސްވެސް ކުރުވައެވެ. ބެންގަލޫރުގެ އެސްޓާ ސީއެމްއައި ހޮސްޕިޓަލްގެ ސައިކޭޓްރީގެ ސީނިއާ ކޮންސަލްޓަންޓް ޑރ ގިރިޝްޗަންދުރަ ވިދާޅުވެފައިވާ ގޮތުގައި، ދަރިން ބޮޑުވެ އާ އުސްމިންތަކަކަށް ދިއުމުން މައިންބަފައިން އުފަލުގައި އުޅުނު ނަމަވެސް މިކްސްޑް އިމޯޝަންތައް ތަޖުރިބާ ކުރެ އެވެ.
މީގެ އިތުރުން މައިންބަފައިން ހިތާމައާއި ކަންބޮޑުވުމާއި އެކަނިވެރިކަމާއި ކުށްވެރިވުން ފަދަ އިހުސާސްތައް އުފެދިދެއެވެ. މައިންބަފައިން ދަރިންނާ އެކު ރަނގަޅު ރަހުމަތްތެރި ގުޅުމެއް ނުބާއްވާނަމަ އެކަން އިތުރަށް ގޯސްވެދާނެ ކަމަށް ތަޖުރިބާކާރުން ފާހަގަކުރައްވަ އެވެ.
ކަލްކަތާގެ ކޮންސަލްޓަންޓް ސައިކޮލޮޖިސްޓް ޑްރިޝާ ޑޭ ވިދާޅުވެފައިވާ ގޮތުގައި މައިންބަފައިންގެ ކިބައިގައި “އެމްޕްޓީ ނެސްޓް” ސިންޑްރޯމް ޖެހުމަށް މަގުފަހިވާ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން:
* ފަރުދީ އިޖުތިމާއީ ދިރިއުޅުމެއް ނެތުން.
* އަމިއްލަ ޕްރޮފެޝަނަލް ދިރިއުޅުމެއް ނެތުން.
* ޢާންމުގޮތެއްގައި އަންނަ ބަދަލުތަކަށް ދެކޮޅުހެދުން
* އާންމުގޮތެއްގައި ސްޓްރެސް ޕީރިއަޑްތަކާ ކުރިމަތިލުމުގައި ދަތިވުން.
* ހޮބީތައް ނެތުން ނުވަތަ ކަނޑައެޅިފައި ނެތުން
ތަޖުރިބާކާރުން ބުނާ ގޮތުގައި “އެމްޕްޓީ ނެސްޓް” ސިންޑްރޯމް އަކީ ޖިސްމާނީ އަދި ނަފްސާނީ ތަފާތު އަލާމާތްތަކުން ފާޅުވާ ކަމެކެވެ. “ޖިސްމާނީ ގޮތުން ބަނޑުހައިހޫނުކަމަށް އަންނަ ބަދަލުތަކާއި ނިދުމުގެ ވައްޓަފާޅިއަށް ނުވަތަ ބޮލުގައި ރިއްސުން ނުވަތަ މަސްތަކުގައި ރިއްސުން ފަދަ ނުތަނަވަސްކަން ހިމެނޭ ޖިސްމާނީ ބަލިތައް ވެސް ކުރިމަތިވެދެއެވެ. ނަފްސާނީ ގޮތުން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހިތާމައާއި އެކަނިވެރިކަމުގެ އިހުސާސްތައް ހިމެނެއެވެ. މައިންބަފައިންގެ ކިބައިގައި ވެސް ބޭނުމެއް ނެތް ކަމުގެ އިހުސާސް ނުވަތަ އައިޑެންޓިޓީ ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ދަރިންގެ ދުޅަހެޔޮކަމާ މެދު ކަންބޮޑުވުމާ ކުރިމަތިލާން ޖެހި، ނުވަތަ އަމިއްލަ ނަފްސުގެ އިހުތިރާމް ދަށްވުން، ފަދަ ކަންކަން ދިމާވެއެވެ.
މިފަދައިން ދިމާވަނީ، ދަރިން ކައިރީގައި ތިބެފައި ކުއްލިއަކަށް ދުރަށް ދާ ދިޔުމާއިއެކު، އެޑްޖަސްޓްވުމަށް ބައެއް ބެލެނެވެރިންނަށް ގޮންޖެހުންތަކާ ކުރިމަތިވާތީއެވެ. އެ މީހުންގެ ރޯލްތައް އަލުން ޑިފައިންކޮށް، ފުއްދުމުގެ އާ ވަސީލަތްތައް ހޯދަން ޖެހޭތީއެވެ.
ކޮންމެ ބެލެނެވެރިއަކުވެސް މި ސިންޑްރޯމްގެ ތަފާތު ތަޖުރިބާތައް ކުރާނެއެވެ. މިއީ ބައެއް މީހުންނަށް މަދު ހަފްތާތަކަކަށް ދެމިގެންދާ އަނެއް ބަޔަކަށް އެތައް އަހަރުތަކެއް މިކަމުގައި ތަހައްމަލް ކުރަންޖެހިދާ ކަމެކެވެ.
ސާރވޭއަކުން ދައްކާ ގޮތުގައި، ހުސް ގެއަކަށް އާދަވާން މައިންބަފައިން އެވްރެޖްކޮށް ތިން މަސް ދުވަސް ހޭދަވާނެއެވެ.
މި ސިންޑްރޯމެއް ޖެހުމުގައި އުނިކަމެއް ހުރި ނަމަވެސް ކަލްކަތާގެ ސޯލްޓް ލޭކްގެ މަނިޕާލް ހޮސްޕިޓަލްސްގެ ކްލިނިކަލް ސައިކޮލޮޖިސްޓް ބާނާލީ ގޯޝް ދެކެވަޑައިގަންނަވާ ގޮތުގައި އާއިލާގެ އެހެން މެމްބަރުންނާ ގުޅުން ބަދަހިކުރުމާއި އަމިއްލަވަންތަކަމަށް ސަމާލުކަން ދިނުމާއި އާ ހޮބީއެއް ހޯދުން ފަދަ ތަފާތު ވަސީލަތްތަކަށް އިންވެސްޓްކުރުމާއި ކުއްޖާ ބޮޑުވުމުން އާންމުކޮށް ކުދިންނާއި މައިންބަފައިންގެ މެދުގައި އުފެދޭ ހަމަނުޖެހުންތަކުން ދުރުހެލިވުން ފަދަ އާދައިގެ ނަމަވެސް ހަރުދަނާ ފިޔަވަޅުތަކާ ކުރިމަތިލާން މައިންބަފައިންނަށް ދަސްކުރެވިދާނެ އެވެ.
ނަމަވެސް މިފަދަ ހާލަތްތަކަށް އަހަރެމެންގެ ލޯބިވާ މައިންބަފައިން ނުގެންގޮސް ދިރިއުޅެވިދާނެ ގޮތްތަކެއް އެބަހުއްޓެވެ. އެގޮތުން މައިންބަފައިންނާއި ދަރިންނާއި ދޭތެރޭ ވަރުގަދަ ގުޅުމެއް އޮވެއްޖެ ނަމަ އެއީ ކުރަން އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ. ތިމާގެ އެންމެ ގާތް ރަހުމަތްތެރިއާ އަކީ މަންމަ އާއި ބައްޕަ ކަމުގައި ހަދައިފިނަމަ އެދެ މީހުންނަށް އެހާ ބޮޑަކަށް އެކަނިވެރިކަން އިހުސާސް ނުވާނެއެވެ. އެއީ އެކަމުން އަބަދުވެސް ދަރިފުޅުގެ ކަންކަން ދާ ގޮތް އެނގި ހިތަށް ހިތްހަމަޖެހުން ލިއްބައިދޭނެތީއެވެ.
ތިބާއަކީ މި ސިންޑްރޯމް ނުވަތަ މި އިހުސާސްތައް ތަޖުރިބާ ކުރަ،ުންދާ ބެލެނެވެރިއެއް ނަމަ ދެރަ ނުވާށެވެ. މިއީ ދުނިޔޭގެ ގިނަ މައިންބަފައިންގެ މެދުގައި އާންމު ކަމެއް ނަމަވެސް، ތިމާގެ ދަތުރު އެހެން މީހުންނާ އަޅާކިޔުމަށް ނުވަތަ “އެކަމުން ސަލާމަތްވުމަށް” ޕްރެޝަރު ނުކުރާށެވެ.
އަމިއްލަ ނަފްސަށް އަޅާލުމާއި ދުޅަހެޔޮ ގުޅުމަކަށް އިންވެސްޓްކޮށް، ކުއްޖާގެ ޒުވާން މިނިވަންކަމުގެ ހެޔޮ ކަންކަމަށް ސަމާލުކަންދުނުމަށް އެކުގައި ވާށެވެ.

