ޖަމްނާ ކޯރު ފުރި، އިންޑިއާގެ ވެރިރަށް ދިއްލީގައި ހަފުތާ ބަންދުގެ ކުރިން ބޮޑުވާންފެށި ފެންގަނޑުގެ ސަބަބުން އެސިޓީގެ ބޮޑުބައެއް ފެނުގެ އަޑީގައި އޮތްއިރު، ސުޕްރީމް ކޯޓާއި، ސަރުކާރުގެ ބައެއް އޮފީސްތަކަށް ވެސް ފެންގަނޑުވަދެ އެސިޓީ އޮތީ ހުއްޓުމަކަށް އައިސްފައެވެ. މޫސުން ލަފާކުރާ ފަރާތްތަކުން ވަނީ މިއަދުވެސް ދިއްލީއަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައެވެ.
އިއްޔެ ވެސް ދިއްލީ އަށް ކޮންމެވެސް ވަރަކަށް ވާރޭ ވެހުނެވެ. މިކަމުގެ ސަބަބުން ފެންގަނޑު ބޮޑުވެފައިވާ ސަރަޙައްދު ތަކުން ފެން ހިއްކުމަށް ނަގާ ވަގުތު އިތުރުވެ ޙާލަތު އިތުރަށް ގޯސްވެގެން ދާނެކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ޖަމްނާ ކޯރުގެ ފެންގަނޑު ފާއިތުވި 45 އަހަރުގެ ތެރޭގައި ބޮޑުވި މިންވަރު ރެކޯޑު ޢަދަދެއް ކަމަށްވާ 208.66 މީޓަރަށް އެރުމަށްފަހު މިހާރުވަނީ، 207.68 މީޓަރަށް ތިރިވެފައެވެ.
ދިއްލީގެ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑުން ކަރަންޓު ޖެހޭ ކަމުގެ ޚަބަރުތައް ވެސް ހަފުތާބަންދު ތެރޭގައި ވަނީ ފެތުރިފައެވެ. އަދި މިކަމުގެ ސަބަބުން ޢާއްމުން މަގުތަކަށް ނުކުމެ ނޫޅުމަށް ވެސް އޮފިޝަލުން ވަނީ ލަފާދެއްވާފައެވެ.
އިންޑިއާގެ އުތުރަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ޖަމްނާކޯރު ފުރި، ދިއްލީގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެފައި ވާތީ، މީހުންނާއި ނަޢަމްސޫފިތައް ރައްކާތެރި ސަރަޙައްދުތަކަށް ގެންދިއުމުގައި 4500 އެއްހާ މީހުން ޙަރަކާތްތެރި ވަމުންދާ ކަމަށް ޚަބަރުލިބެއެވެ.
ދިއްލީގެ މައި މަގުތަކުގައި ފެންބޮޑުވެފައި ވުމުގެ ސަބަބުން އެސިޓީއަށް މުދާއުފުލާ ބަރު އުޅަނދުތައް ވަދެ ނުކުތުން ވެސް މިހާރު ވަނީ މަނާކުރެވިފައެވެ.
އިންޑިއާގެ ޙާލަތު މިހާ ގޯސްވެފައިވާއިރު، ރައީސް މޯދީ ރަސްމީ ދަތުރުތަކުގައި ޤައުމުން ބޭރުގައި އުޅެމުންދާތީ، އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

