ދެކުނު ކޮރެއާއަށް ބޯކޮށް ވިއްސާރަކުރުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާއެއް ހިނގައި ގިނަ ބަޔަކަށް ގެއްލުން ވެއްޖެއެވެ. މި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާގައި މިހާތަނަށް 7 މީހުން މަރުވެ، 3 މީހަކު ވަނީ ގެއްލިފައެވެ.
ކޮރެއާގެ އޮފިޝަލުންނާއި ޙަވާލާދީ ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބޯވިއްސާރައިގެ ސަބަބުން އެޤައުމުގެ ޑޭމްއެއް ފުރި މިހާރު ވަނީ ބަންޑުންވާން ފަށާފައެވެ. އެހެންކަމުން 1000 އަށްވުރެ ގިނަ މީހުން މިހާތަނަށް ރައްކާތެރި ސަރަޙައްދުތަކަށް ވަނީ ގެންދެވިފައެވެ.
ކޮރެއާ ގަޑިން މިއަދުގެ 11 ޖެހުމާއި ހަމައަށް އެޤައުމުގެ އެކި ސަރަޙައްދު ތަކުން ރައްކާތެރި ސަރަޙައްދުތަކަށް ގެންދެވުނު މީހުންގެ ޢަދަދު ވަނީ 1،567 އަށް އަރާފައެވެ.
ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް އިންޓީރިއާ އެންޑް ސޭފްޓީ އިން ވަނީ، ޑޭމް އިން ފެންގަނޑު ފައިބަމުން ދާތީ އުތުރު ޖުންޖިއޯން ޕްރޮވިންސްގައި މިޢަދަދު އިތުރަށް މައްޗަށް ދާނެކަމަށް ލަފާކޮށްފައެވެ.
ބިންގަނޑު ކަނޑައިގެން ދިއުމާއި، ބޮޑެތި ހިލަގަނޑުގަނޑު ވެއްޓުމުގެ އިތުރަށް ފެންބޮޑުވަމުން ދާތީ ބައެއް ބުލެޓް ޓްރެއިންގެ ދަތުރުތައް މިވަގުތު ހުއްޓާލާފައި ވާކަމަށް ކޮރެއާ ރެއިލްރޯޑު ކޯޕަރޭޝަން އިން ވަނީ ބުނެފައެވެ. އިތުރު ދަތުރުތައް ނައްޓާލާގަޑި ކެންސަލް ވުމާއި ލަސްވުމަކީ އެކަށީގެން ވާކަމެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ވިއްސާރައިގެ ސަބަބުން ހުކުރުދުވަހު ވަނީ މަޑުންދުވާ ރޭލެއް އޭގެ ދަގަނޑުން ކައްސާލާފައެވެ. މިޙާދިސާގައި އިންޖިނިއަރަކަށް ގެއްލުން ލިބިފައި ވީނަމަވެސް އެއްވެސް ފަސިންޖަރަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އޮފިޝަލުން ކަށަވަރު ކޮށްދެއްވައެވެ.
ދެކުރު ކޮރެއާގެ ބޮޑުވަޒީރު ހޭން ޑުކް ސޫ ވެސް ވަނީ މިޙާލަތުގައި، ރައްޔިތުން ސަރުކާރާއި އެކުގައި މަސައްކަތް ކޮށްދެއްވުމަށް ގޮވާލައްވާފައެވެ.

