9 މެމްބަރުންގެ މައްޗަށް އެކުލެވޭ، ޕާކިސްތާނުގެ، މި މުސްލިމް ޢާއިލާއަށް ލިބިފައިވަނީ، ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްގެ ތަފާތު ރެކޯޑެކެވެ.
ޢަމީރު ޢަލީ އާއި އޭނާގެ އަންހެނުން ޚަދީޖާ އަށް ލޯބިލޯބި 7 ކުދިން ލިބިފައި ވެއެވެ. އެ ހުރިހާ ކުދިން ވެސް އުފަންވެފައި ވަނީ އޮގަސްޓް 1 ގައެވެ. މި ހުރިހާ ފަހަރަކު ވެސް ޚަދީޖާ ބަނޑުބޮޑުވެފައި ވަނީ ޤުދުރަތީ ގޮތުން ކަމަށާއި، ޢާއިލާ ރޭވުމުގެ އެއްވެސް ކަމެއް އެދެމަފިރިން ކޮށްފައި ނުވާކަމަށް އަމީރު ބުނެއެވެ.
މި ދެމަފިރިންގެ އެންމެ ދޮށީ ދަރިފުޅު ސިންދޫ އުފަންވީ 1 އޮގަސްޓް 1992 ގައެވެ. އެއަށްފަހު، ފާއިތުވި އަހަރުތަކުގައި އެ ދެމަފިރިންނަށް ލިބުނީ އެއްމާބަނޑު ދެ އަންހެން ކުދިންނެވެ. އެއްނިނބޫ މި ދެ ކުދިންނަށް ކިޔަނީ ސަސުއީ އާއި ސަޕްނާ އެވެ. ދެން އެ ދެމަފިރިންނަށް ލިބުނީ އާމިރު އަދި އަމްބަރު އެވެ. އެއަށްފަހު އަނެއްކާވެސް 2003 ވަނަ އަހަރު، އެއްނިނބޫ ދެ ފިރިހެން ކުދިން ކަމަށްވާ ޢައްމާރާއި އަޙްމަރު އެޢާއިލާއަށް އިތުރު ވިއެވެ. މި ހުރިހާ ކުދިން ވެސް އުފަންވެފައި ވަނީ 1 އޮގަސްޓްގައެވެ.
މި އާދަޔާއި ޚިލާފު އިއްތިފާޤުގެ ސަބަބުން މަންގީ ޢާއިލާއަށް ވަނީ އެއް އުފަންތާރީޚެއް ޙިއްސާކުރާ އެންމެ ގިނަ، އެއްބަޑުއެއްބަފާ ކުދިން ހިމެނޭ ޢާއިލާގެ ރެކޯޑު ލިބިފައެވެ.
މި ޢާއިލާގެ ހުރިހާ ކުދިންނަކީ ވެސް ޤެދުރަތީ ހަމަތަކުގެ މަތިން އުފަންވެފައިވާ ކުދިންނެވެ. ޚަދީޖާ އަށް، ވިހެއުމުގެ ތެރޭގައި އެއްވެސް ފަހަރަކު، އޮޕަރޭޝަނެއް ކުރަންޖެހިފައެއް ނުވެއެވެ. އަދި ދުވަސް ނުފުރާ ވެސް ކުއްޖަކު ވިހާފައެއް ނުވެއެވެ.
މި ޢާއިލާއަށް 1 އޮގަސްޓް ޚާއްޞަ ވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އަމީރު އާއި ޚަދީޖާ ކައިވެނި ކޮށްފައި ވަނީވެސް 1991 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ.
މި ހުރިހާ ކުދިންގެ އުފަން ދުވަސް އެއްދުވަހެއްގައި ފާހަގަ ކުރުމަކީ ކުރިން ވެސް ވަރަށް ޚާއްޞަ ކަމެއް ކަން އެ ޢާއިލާއިން ފާހަގަ ކުރެއެވެ. އެހެނަސް މި ރެކޯޑު ލިބުމުގެ ސަބަބުން މި ތާރީޚު މިހާރު، އިތުރަށް، އެޢާއިލާ އަށް ވަނީ ޚާއްޞަ ވެގެން ގޮސްފައެވެ.
ޕާކިސްތާނުގައި ދިރިއުޅޭ މަންގީ ޢާއިލާއަށް 7 ކުދިން ލިބިފައި ވަނީ 11 އަހަރުގެ ތެރޭގައެވެ. ކުރިން މިރެކޯޑު އޮންނަ އެމެރިކާގެ ޢާއިލާގެ އެއްބަނޑުއެއްބަފާ 5 މެމްބަރުން އުފަންވެފައި ވަނީ 14 އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ.
މި ރެކޯޑު މިޢާއިލާއަށް ލިބިފައި ވަނީ 2019 ވަނަ އަހަރުގައެވެ. މި ޢާއިލާގެ ކުދިންގެ ޢުމުރަކީ މިހާރު 19 އަހަރާއި 30 އަހަރާއި ދެމެދެވެ.

