ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަކީ އެމްޑީޕީއިން އެތަށް ދުވަހެއް ކުރިން ކުރަން ފެށި މަސައްކަތެއް ކަމަށާއި އެގޮތުން މިއަދު ރާއްޖެ މިވަނީ ޒަމާނީ ޑިމޮކްރސީ އާއި ދިމާލަށް މިސްރާބު ޖަހާފައި ކަމަށް ރައީސް އިބްރާހޖިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް މ. އަތިޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރު ތަކުގެ ތެރެއިން މިއަދު މ. މުލީއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާން ވިދާޅުވީ، ރާއްޖެއިން މިއަދު ޒަމާނީ ޑިމޮސްރެސީގެ ކުލަތައް ފެންނަށް ފަށައިފިކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެއަށް ހަމަޖެހުމާއި އަމާންކަން ގެނެވިއްޖެ ކަމަށެވެ. އަދި އެމަނިކުފާނާއި އެމްޑީޕީއާއި އެކު ކޯލިޝަން ހަދާފައިވާ ޕާޓިތަކުން ބޭނުންވަނީ އެ ހަމޖެހުމާއި އަމާންކަމާއި އެކީގައި ރާއްޖޭގެ ކުރިމަގު ބައްޓަންވެގެން ދާން ކަމަށް ވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.
“ހަމަޖެހުން ގެނެވިއްޖެ، އަމާންކަން ގެނެވިއްޖެ، އަޅުގަނޑުމެން ބޭނުންވަނީ މި ގެނެވުނު ހަމަޖެހުމާއި އަމާންކަމާއެކީގައި ކުރިއަށް ދާން، ނުވައެއް ސެޕްޓެމްބަރުގައި ތިބޭފުޅުން ނުކުމެވަޑައިގެން ގޮތެއް ނިންމާއިރުގައި ވިސްނަވަންވީ، އަނެއްކާވެސް އެނބުރި ދާންވީ، ހަމަނުޖެހުމާއި ބިރުވެރިކަމުގެ ތެރެއަށްތޯ؟ ނޫނިއްޔާ މިއަދު ފަށާފައި މި އޮތް މަސައްކަތް، ރައްޔިތުންނަށް މި ގެނެވޭ ތަރައްގީގެ މަޝްރޫއުތައް އެއާއެކީގައި ކުރިއަށް ދާނީތޯ؟”
އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްވެސް އެ މަނިކުފާނާއެކު ކޯލިޝަން ހަދައިގެން ތިބި އެމްޑީއޭއާއި އަދާލަތު ޕާޓީގެ ވިސްނުމަކީވެސް އެއް ވިސްނުމެއް ކަމަށާއި އެއީ ރާއްޖެ ތަރައްގީކޮށް، ރައްޔިތުން ބޭނުންވާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

