ސްވިޑެން ސަރުކާރުން ވަނީ އެޤައުމުގައި ދިރިއުޅޭ ސީރިއާގެ ރެފިއުޖީއެއް ކަމަށްވާ އަހްމަދު އައްލައުސް 32، އަށް އެޤައުމުގައި ހުންނަ އިސްރާއީލު އެމްބަސީގެ ކުރިމަތީގައި ޔަހޫދީންގެ މުޤައްދަސް ފޮތް ތައުރާތާއި، ކްރިސްޓިއަނުންގެ މުޤައްދަސް ފޮތް ބައިބަލް އެންދުމުގެ ހުއްދަ ދީފައެވެ.
ރޭވިފައިވާ ގޮތުގެ މަތިން ހޮނިހިރު ދުވަހު، އަހްމަދު، ވެރިރަށް ސްޓޮކް ހޯމްގައި ހުންނަ އިސްރާއީލު އެންބަސީ ކުރިމައްޗަށް ދިޔައެވެ. އަދި އޭނާގެ އަތުގައިވާ ކޮތަޅަކުން ލައިޓަރެއް ނެގިއެވެ. އެއަށްފަހު އަހްމަދު އެ ލައިޓަރު ބިންމައްޗަށް އެއްލާލިއެވެ. އަދި ބުންޏެވެ.
މުޤައްދަސް އެއްވެސް ފޮތެއް އެންދުމަކީ އަހަރެމެންނަށް ހުއްދަ ކަމެއް ނޫނެވެ. އެއަށް ފަހު އަހްމަދު އޭނާގެ ކޮތަޅުން މުޞްޙަފެއް ނެގިއެވެ. އަދި އެއިން ބަޤަރާ ސޫރަތުގެ 285 ވަނަ އާޔަތް ކިޔަވަން ފެށިއެވެ.
آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾
"رسول އާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) رسول އާއާއި مؤمن ން إيمان ވިއެވެ. އެ އެންމެންމެ اللَّه އާއި، އެކަލާނގެ ملائكة ންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسول ންނަށް إيمان ވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسول ންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ."
" މިއީ، ޤުރުއާން އަންދައި އެއަށް އިހާނެތިކޮށް ހިތާ މީހުންނަށް އަހަރެމެން ދޭ ރައްދު. އިސްލާމްދީނަށް ފާޑުކިޔަން ބޭނުން މީހަކު އެކަން ކުރުމަކީ މައްސަލައެއް ނޫން. އެހެނަސް މުޤައްދަސް ފޮތްތަކަށް އިހާނެތިކޮށް ހިތުމަކީ އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމެއް ނޫން. މުޤައްދަސް އެއްވެސް ފޮތެއް އެންދުން އަހަރެމެންނަށް ހުއްދައެއް ނޫން."
އަހްމަދު، ޢަރަބި ބަހުންނާއި، ސްވިޑިޝް ބަހުން މިހެން ބުނެ ތަކުރާރު ކުރަމުން ދިޔައެވެ.
ސްވިޑަން ގައި ދިރިއުޅެމުންދާތާ 8 އަހަރުވެފައިވާ އަހްމަދު އިތުރަށް ބުންޏެވެ. "އަހަރެންނަށް ވަރަށް ގިނަ މީހުން ރުޅިއަރުވާ ލެވިއްޖެ. ޔަހޫދީންނާއި ކްރިސްޓިއަނުންގެ މުޤައްދަސް ފޮތް އަންދަން އަހަރެން ރޭވުމުން ވަރަށް ގިނަ ބަޔަކު ރުޅިއައި ކަން އަހަރެންނަށް އިނގޭ. އެމީހުން ދެރަވާންވީ އެއްވެސް ސަބަބެއް ނެތް. އުފާކުރޭ. އެއްވެސް މުޤައްދަސް ފޮތެއް އެންދުން އަހަރެމެންނަށް ހުއްދަވެގެން ނުވޭ.
އަހްމަދު އިތުރަށް ބުނަމުން ދިޔައެވެ.
ސްވިޑަންގައި މިދިޔަ އަޟްޙާޢީދު ބަންދުގައި މީހަކު ވަނީ ޤުރުއާނަށް އިހާނެތިކޮށް ހިތައި އެ އަންދާލާފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެޤައުމަށް ވަނީ ނުރުހުން އަމާޒުވެފައެވެ.

