ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދަޢުވާތަކާއި ގުޅޭ ޝަރީޢަތުގެ އަޑުއެހުން މިއަދަށް ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކުރީ، ދައުލަތުން މިއަދަށް ހާޒިރު ކުރަންޖެހޭ ހެކިން ހާޒިރު ނުކުރެވޭތީ އެވެ. އެ ހެއްކަކީ ރާއްޖެއިން ބޭރުގައި ހުރި ފަރާތަކަށް ވުމުން، މި މައްސަލައާއި ގުޅިގެން އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ވެސް އެ މީހާ ހާޒިރުކުރެވޭގޮތެއް ނުވިއެވެ.
މިމައްސަލައިގައި ދަޢުލަތުން ދަޢުވާކުރާ ކްރިކްގެ ބަލި ޙާލަތާއި ގުޅޭ ގޮތުން އެއްމަސް ދުވަހަށް ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށް ބުނެ ހުށަހަޅާފައިވާ މެޑިކަލް ރިޕޯޓަކާ ގުޅިގެން ވެސް ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖެހުނެވެ. އެހެންވެ، ދަޢުލަތުން ނިންމާފައިވަނީ ކްރިކްގެ ދަޢުވާ މިވަގުތަށް އަނބުރާ ގެންދިއުމަށެވެ. އަދި މި މައްސަލަ މިހާރު ކުރިޔަށް ގެންދަނީ ކްރިކްގެ ދަޢުވާ ނުހިމަނައި ރައީސް ޔާމީނާއި ދެން ދަޢުވާ ލިބޭ ސަންގެ ދެ ކުންފުނި ހާޒިރުކޮށްގެންނެވެ.
އެ މައްސަލަ ހެކިބަސް ނެގުމުގެ މަރުޙަލާގައި އޮތްއިރު މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގެ ހެކިބަސް ނަގާފައެވެ.
ބޮންޑެއަކީ ފުއްގިރި މުއާމަލާތުގައި އޭރު އެރަށް ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ބޭރުގެ ކްލަސިކް ސިޓީ ދުބާއީ ކުންފުނީގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ފަރާތެކެވެ.
އެގޮތުން އެ ދުވަހުގެ އަޑުއެހުމުގައި ބޮންޑެ ވިދާޅުވީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ އަގަކީ 1.2 އާއި 1.5 މިލިއަން ޑޮލަރުކަމަށް ކަނޑައަޅާފައި ވަނިކޮށް ކުއްލިއަކަށް އެ އަގު 4 ހައްކައަށް ބަދަލުވެގެން ދިއުމާއި ގުޅިގެން ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަވާތީ ކުންފުނީގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށެވެ.

