އެކި ވިޔަފާރިތަކާއި ކުންފުނިތަކާ އަދި ތަފާތު އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަށް މިހާރަކަށް އައިސް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ މިންވަރު ދަނީ އިތުރުވަމުން ކަމުގައި އެ ޚިދުމަތުން ބުނެފިއެވެ.
އެގޮތުން ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރިގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށްޓަކައި ފޭސްބުކް، އިންސްޓަރގްރާމް ނުވަތަ މިނޫނަސް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ޕޭޖުތައް ހަދައި ޕޯސްޓުތައް ދަނީ ޝެއަރ ކުރަމުންނެވެ. އަދި އެކިކަހަލަ މުދާ އޮންލައިންކޮށް ވިއްކުމުގައިވެސް މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް ފުލުހުންނަށް ދަނީ ހުށަހެޅެމުން ކަމުގައި ވަނީ ބުނެފައެވެ.
އޭގެ އިތުރުން، އެކި މީހުންނަށް ގުޅައި ދަންނަ ރަހުމަތްތެރިއެއްކަމަށް ހެދިގެން، ހީލަތްތެރިޔާގެ އާއިލާ މީހަކު ނުވަތަ ރައްޓެއްސަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އުޅޭކަމަށާއި ހޮސްޕިޓަލުން ޑިސްޗާޖު ކުރުމަށްޓަކައި ވަރަށް އަވަހަށް ފައިސާ ދައްކަން ޖެހޭކަމަށް ބުނެ އަނބުރާ ދައްކާގޮތަށް ފައިސާ ދިނުމަށް އެދޭކަމަށާއި، އަދި ހީލަތްތެރިޔާގެ އަތުގައި ހުރީ، ބެންކު އޮފް މޯލްޑިވްސް ނޫން އެހެން ބެންކެއްގެ އެކައުންޓެއްގައި ހުރި ޔޫއެސް ޑޮލަރު ކަމަށާއި، އެ ބެންކު މެދުވެރިކޮށް ފައިސާ ފޮނުވިކަން ދެއްކުމުގެ ގޮތުން ފައިސާ ޓްރާންސްފަރ ކުރިކަމުގެ ސައްޚަނޫން ސްލިޕް ފޮނުވުމަށް ފަހު މަކަރާއި ހީލަތުން ފައިސާ ހޯދާކަން ފުލުހުންގެ ޚިދުމަތަށް ވަނީ ފާހަގަކުރެވިފައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މިނޫނަސް އެކި ކަލަހަ ވާހަކަތައް ދައްކައިގެން އެކިއެކި ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.
އެހެންކަމުން މަކަރާއި ހީލަތުގެ މިފަދަ ކޯލުތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި، އޮންލައިންކޮށް ތަކެތި ގަންނަ އިރުވެސް އެ ވިޔަފާރި ކުރެވެނީ ރަނގަޅު ބައެއްގެ އަތުންތޯ ކަށަވަރު ކުރުމަށާ އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އެކިކަހަލަ މައްސަލަތަކުން ރައްކާތެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.

