މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭންގެ ދަށުން އެކުލަވާލި ”ބިންވެރިޔާ“ ސްކީމުން މާލޭގެ ރައްޔިތުންނަށް މިހާރު ދީފައިވާ ގޯތި ތަކަކީ ސީދާ ރިޔާސީ އިންތިޚާބަށް ރިޝްވަތު ދިނުމުގެ ގޮތުން ދިން ގޯތި ތަކެއްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވީ ރޭ ހުޅުމާލޭ އެމްއެންޕީ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ސަރުކާރުން އާންމުކުރި ގޯތި ލިސްޓާއި ގުޅިގެން ނާޒިމް ވަނީ މާލޭގައި ގެދޮރުހުރި މީހުންނާއި މުއްސަނދިންނާއި ވިޔަފާރިވެރިންނަށްވެސް ގޯތި ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.
”މިހާރު ދިން ގޯތިތަކަކީ އަޅުގަނޑު ދަންނަވާނީ، ސީދާ ރިޔާސީ އިންތިހާބަށް ރިޝްވަތު ދިނުމުގެ ގޮތުން ދިން ގޯތިތަކެއް“ ނާޒިމު ވިދާޅުވިއެވެ.
ނާޒިމްގެ ވަނީ އެމްއެންޕީގެ ވެރިކަމެއްގައި ގޯތި ދޫކުރާނީ މި ސަރުކާރުން އެކަން ކުރާ ގޮތަށްވުރެ މާ ފުރިހަމައަށް ކަމުގައި ވިދާޅުވެފައެވެ. އަދި އެމްއެންޕީގެ ވެރިކަމެއްގައި ގޯތި ދޭނީ ނިކަމެތިންނަށް ކަމަށާއި، އެ ފަރާާތްތަކަށް ހިލޭ ގޯތި ހައްޤުވާ ކަމަށާއި، އެމްއެންޕީން ވެރިކަމަށް އަންނަނީ ރައްޔިތުން ބޭނުންވާ މިފަދަ ކަންކަން ކޮށްދިނުމަށް ކަމަށާއި، އެ ޕާޓީން އަންނަނީ އުއްމީދާއިއެކުގައި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް ސަރުކާރުން ގޯތި ދިނުމާއި އެކިކަހަލަ މަޝްރޫޢުތައް ރާއްޖޭގެ ކަންކޮޅުތަކުގައި ޢިއުލާނު ކުރަންފެށުން ގިނަބަޔަކު ސިފަކުރަމުންދަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުންކަމުގައެވެ.

