ދިވެހި ފުލުހުންގެ ޚިދުމަތުން ތިން ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު މީހުން ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި އެ އޮޕަރޭޝަންތަކުގެ ތެރެއިން ލ. ގަމުގައި ހިންގި އެއް އޮޕަރޭޝަނަކީ ދަނބިދޫއަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެގޮތުން މި މަހު 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، އެ ރަށު ބަނދަރުމަތިން 25 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އެ މީހުން ބަންދުގައި ބެހެއްޓުމަށް 25 އަހަރުގެ މީހާއަށް 15 ދުވަސް އަދި 36 އަހަރުގެ މީހާއަށް ފަސް ދުވަހުގެ މުއްދަތު ގަން މެޖިސްޓްރޭޓް ކޯޓުން ދީފައިވެއެވެ.
މީގެއިތުރުން މި މަހު 12 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގަމުގައި ހިންގި އޮޕަރޭޝަނުގައި، އެ ރަށު މަގުމަތިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓު ހޯދާފައިވެއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ހުޅުމީދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، އެ އޮޕަރޭޝަނުގައި 56 އަހަރުގެ މީހަކާއި 65 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި މަހު 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކޯޓުއަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި އަށް ސެލޯފިންކޮޅު އަދި ބޮޑު ތިން ރަބަރު ޕެކެޓު ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އެ މީހުން ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތ. ދިޔަމިގިލީގައިވެސް މި މަހު 13 ވަނަ ދުވަހު މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަނުގައި، ދިޔަމިގިއްޔަށް ދިޔަ ލޯންޗަކުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ދެ ކޮތަޅު އަދި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ދަޅެއް ފެނިފައިވެއެވެ. އެހެންނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

