އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަދި އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިސްތިޢުނާފް މައްސަލަ ލަސްވަމުންދާތީި އެކަމުގެ ކަންބޮޑުވުންތަކާއިއެކު، އިދިކޮޅު ކޯލިޝަނުން ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ހާޒިރުވެއްޖެއެވެ.
އިދިކޮޅު ލީޑަރޝިޕުން ޕީޖީ ޝަމީމްއާއި ބައްދަލު ކުރެއްވުމަށް ވަޑައިގެން ނަމަވެސް އެކަން ކާމިޔާބުވާގޮތް ވެފައިނުވާކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
ޕީޖީ އޮފީހަށް ހާޒިރުވި ސަބަބާއި ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ހިއްސާކުރައްވަމުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި، ހަވާލުވެ ވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ މިއީ މިކަންބޮޑުވުންތަކާއިއެކު ޕީޖީ އޮފީހަށް ހާޒިރުވި 3 ވަނަ ދުވަސް ކަމަށެވެ. އަދި ކޮންމެ ދުވަހަކު 3 ގަޑިއިރުވަރު އެތަނުގައި ހޭދަކުރިނަމަވެސް ޕީޖީ އޮފީހުގެ އެއްވެެސް ވެރިޔަކު އިދިކޮޅު ކޯލިޝަންއާއި ބައްދަލުކޮށްފައި ނުވާކަމަށް އަދުރޭ ވިދާޅުވިއެވެ.
"ޕީޖީ އޮފީހުގެ އެއްވެެސް ވެރިޔަކު އަޅުގަނޑުމެންނާ ބައްދަލެއް ނުކުރެ އިނގޭތޯ. ވިދާޅުވީ ޕީޖީ ޝަމީމު ހުންނެވީ ތުރުކީން ބައްލަވައިގެންނެވި ފްލެޓަކަށް އާއިލާ މޫވްކުރަން ވަޑައިންކަމަށް ވަނީ" އަދުރޭ ވިދާޅުވިއެވެ.
ޕީޖީ އޮފީހުގެ މި ޖަވާބާއި ގުޅޭގޮތުން އަދުރޭ ވިދާޅުވީ އޮފީހެއްގެ އެންމެ އިސްވެރިޔާ ޗުއްޓީ ނެންގެވުމަކީ އޮފީސް ހުއްޓެންޖެހޭ ސަބަބެއް ނޫން ކަމަށާއި، އެއީ ނިޒާމު ބައްޓަން ކުރެވިފައި އޮންނަގޮތެއް ނޫންކަމަށެވެ. އަދި ވެރިން ޗުއްޓީ ނެންގެވުމުން އެކަމާއި ހަވާލުވެގެން ހުންނަ މީހަކު ޒިންމާ ނަގަން ޖެހޭނެކަމާއި ޖަވާބުދާރީވާން ޖެހޭނެކަން އަދުރޭ ފާހަގަކުރެއްވިއެވެ.
އަދުރޭ ވިދާޅުވީ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ކަންކަން ކުރުމަށްފަހު ފިލައިގެން ދިއުމަކީ އެއްގޮތަކަށްވެސް ކަންކޮށްގެންވާނެ ގޮތެއްނޫން ކަމަށެވެ. އަދުރޭ ވަނީ މިސަރުކާރުން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު އިސްވެ ހުންނަވައިގެން އިދިކޮޅު ލީޑަރަށް އަނިޔާދެމުންދާ ކަމަށާއި، އެއީ ޕީޖީ ޝަމީމްގެ ޕްލޭނެއް ކަމާއި އެކަމުގައި ޖޭއެސްސީގެ ރައީސް ހިސާންގެ ސީދާ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރައްވާ ނުރުހުން ފާޅުކުރައްވާފައެވެ.
އަދި ޕީޖީ އާއި ބައްދަލު ނުވިއިރު، ޖޭއެސްސީ އަށްވެސް މިއަދު ހާޒިރުވި ކަމާއި، ޖޭއެސްސީ ގެ ރައީސް ހިސާން ވެސް ހުންނެވީ ރައީސް އަރިހުގައި ކެމްޕޭނުގައި ކަމަށާއި، ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބެވި މިފަދަ ފަރާތްތަކުން ޤައުމަށް ދިމާވެފައިމިވާ ހައްސާސް ދަނޑިވަޅުގައި މިފަދައިން ކަންކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.

