ބޯވިއްސާރައިގެ ސަބަބުން ކުއްލިއަކާ ފެންބޮޑުވި ދެކުނު ކޮރެއާގެ ޓަނަލް އެއްގައި ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދު ތާށިވެއްޖެއެވެ. ތާށިވި އުޅަނދު ތަކުގެތެރޭގައި ހިމެނޭ ބަހަކުން މިހާތަނަށް މަރުވެފައިވާ 7 މީހެއްގެ ހަށިގަނޑު ނަގާފައިވާކަމަށް އެޤައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ.
ދެކުނު ކޮރެއާއަށް މިހާރު ކުރަމުންދާ ބޯވިއްސާރައިގެ ސަބަބުން އިއްޔެ ވަނީ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާއެއް ހިނގައި އެޤައުމުގެ ޑޭމް އެއްގެ ފެންގަނޑު ބޮޑުވެ، ބަންޑުންވާން ވެސް ފަށާފައެވެ.
މިކަމުގެ ސަބަބުން ފެންބޮޑުވެފައި ވަނީ، 685 މީޓަރުގެ ދިގުމިން ހުންނަ އޮސޮންގ އަންޑަރ ޕާސްގައެވެ. މިތަނުގެ ތެރޭގައި 15 ވަރަކަށް އުޅަނދު ތާށިވެފައި ވާކަމަށް ޚަބަރު ލިބެއެވެ.
މީހުން ސަލާމަތް ކުރުމުގައި ޑައިވަރުންނާއި އެކު 400 އެއްހާ މީހުން ޙަރަކާތްތެރިވަމުން ދާއިރު، މި ސަރަޙައްދުން ފެން ޕަންޕުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.
ގިނަ ޢަދަދެއްގެ މީހުންނަށް ނުނުކުމެވި ޓަނަލްގެ ތެރޭގައި ތާށިވީ، 4 ލޭން ފުޅާ މި އަންޑަރ ޕާސްގެ ކައިރީގައި ވާ ކޯރެއްވެސް ފުރި ބަންޑުން ވުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓަނަލްގެ ތެރެއިން 6 މީހަކު އިއްޔެ ދިރިތިއްބާ ސަލާމަތް ކޮށްފައި ވާއިރު، 11 މީހަކު އަދިވެސް ވަނީ ހޯދާ ނުފެނިފައެވެ.
މިފަދަ ޙާދިސާއެއް ހިނގުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުން ޓަނަލް ބަނދު ނުކުރީ ކީއްވެތޯ ސުވާލު އުފައްދައި ޢާއްމުންދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

