ހަފުތާ ބަންދުގައި ޔޫރަޕްގެ ޤައުމުތަކަށް އެރި ހޫނު ރޯޅި އެމެރިކާއާއި ޖަޕާނަށްވެސް ފޯރައިފިއެވެ. މިއަދާއި މާދަމާ ޖަޕާނުގެ ވެރިރަށް ޓޯކިޔޯ ވެސް ހިމެނޭގޮތަށް އެޤައުމުގެ އެކި ސަރަޙައްދުތަކަށް އިންސާނުންގެ ފުރާނައަށް ނުރައްކާ ވާފަދަ މިންވަރަކަށް ހޫނުމިން މައްޗަށް ދާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ހޫނު ގަދަވުމުގެ ސަބަބުން ދިމާވާ ބައެއް ނުރައްކާތެރި ޙާލަތްތައް މެދުވެރި ވެދާނެކަމަށް ރައްކާތެރި ވުމަށް އަންގައި، ޖަޕާނު ސަރުކާރުން ވަނީ، އެޤައުމުގެ 47 ޕްރިފެކްޗަރގެ ތެރެއިން 20 ޕްރިފެކްޗަރ އަކަށް ހީޓް ސްޓްރޯކު އެލާޓް ނެރެފައެވެ. ހޫނުމިން 38C ނުވަތަ 39C (ޑިގްރީ ސެލްސިއަސް) އަށް އަރާނެ ކަމަށް ލަފާކޮށް ޖަޕާނުގެ އިރުމައްޗާއި ހުޅަނގު ދެކުނުގެ ސަރަޙައްދު ތަކުގައި ދިރިއުޅޭ ރައްޔިތުން ސަމާލުވުމަށް ވެސް އެޤައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ.
އާދަޔާއި ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން ހީޓްސްޓްރޯކު ޖެހި، ސިކުނޑިއާއި ކިޑްނީ ފަދަ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ފުރާނައަށް ނުރައްކާ ވުމާއި، ނޭވާލުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކުގެ އިތުރުން ހާޓްއެޓޭކް ޖެހުމަކީ ވެސް ގާތް ކަމެއްކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ.
އެމެރިކާގެ ފީނިކްސް ގައިވެސް ހުކުރު ދުވަހު 43C ގައި ހޫނުމިން ރެކޯޑު ކުރެވިފައި ވާއިރު އެއީ އެދަރަޖައަށް ހޫނުމިން އަރާތާ 15 ވަނަ ދުވަސް ކަމަށް ޚަބަރުތައް ބުނެއެވެ.
ޔޫރަޕުގެ ގިނަ ޤައުމުތަކަކުން މިހާރުވެސް ތަޙައްމަލް ކުރަމުންދާ މި ހޫނުރޯޅީގެ ހޫނުމިން އިޓަލީގެ ވެރިރަށް ރޯމުގައި 43C އަށް އެރުމުގެ ސަބަބުން ވަނީ 2007 ވަނަ އަހަރު ރެކޯޑު ކުރެވިފައިވާ 40.5C ގެ ރެކޯޑު މުގުރާލާފައެވެ. ޖަޕާނަށް މިހާތަނަށް އެންމެ ހޫނު ގަދަވެފައިވަނީ 2020 ވަނަ އަހަރު އެވެ. އެއީ 41.1C އަށް ހޫނުމިން އަރައިގެންނެވެ. ޖަޕާނާއި އެމެރިކާގައި ވެސް މި ހޫނު ރޯޅީގެ ސަބަބުން ކުރީގެ ރެކޯޑުތައް މުގުރާލާނެ ކަމަށް މިހާރު ދަނީ ބެލެވެމުންނެވެ.
އެމެރިކާއާއި ޖަޕާނުންވެސް ދަނީ ޢާއްމުން ބޭރަށް ނުނުކުތުމަށާއި، ގިނަގިނައިން ދިޔާތަކެތި ބޭނުން ކުރުމަށް އަންގަމުންނެވެ.

