އަލަސްކާ ޕެނިންސިއުލާއަށް މިއަދު ނެރުނު ސުނާމީގެ އިންޒާރު ކެންސަލް ކޮށްފިއެވެ. ބޮޑެތި ރާޅާއި ގަދަ އޮއިވަރެއް އިޙްސާސް ވިޔަސް ސުނާމީ އެއް ނާރާނެ ކަމަށް މިހާރު ވަނީ ނިންމާފައެވެ. ރޭ ދަންވަރު އައި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބުނު ކަމެއްވެސް މިހާތަނަށް އަދި ސާފުވެފައެއް ނުވެއެވެ.
އެމެރިކާގެ އަލަސްކާ ޕެނިންސިއުލާ ސަރަޙައްދަށް 7.2 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް.) އިން ބުނެފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

ސުނާމީގެ އިންޒާރު ކެންސަލްކޮށް ނެރެފައިވާ ނޯޓިސް
މި ބިންހެލުން ފުރަތަމަ ރެކޯޑު ކުރެވިފައި ވަނީ 7.4 މެގްނެޓިއުޑްގެ ބާރު މިނުގައި 9.3 ކިލޯމީޓަރު އަޑިއަށެވެ. އެހެނަސް ޔޫ.އެސް.ޖީ.އެސް. އިން ވަނީ، ބިންހެލުން އައިސްފައިވަނީ، 7.2 މެގްނެޓިއުޑްގެ ބާރު މިނުގައި، 32.6 ކިލޯމީޓަރު އަޑިއަށް ކަން ފަހުން ކަށަވަރު ކޮށްފައެވެ.

