ޑޮލަރުން ރިޝްވަތު ނުދެވޭނެ ކަމަށާއި ޖާބިރު ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ހޮވުމަށް ހޭދަކުރާނީ ޔޫއެސް ޑޮލަރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިފަދައިން ވިދާޅުވީ މިރޭ ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ޖާބިރު ދާދިފަހުން ކ. ގުޅީގައި ރައީސް ޞޯލިހުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރިޝްވަތުގެ ގޮތުގައި ޑޮލަރު ބަހައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންތިޚާބު ކާމިޔާބުކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން އެއީ ރިޝްވަތު ކަމަށް ޑިމޮކްރެޓްސް ޕާޓީއިން ބުނަމުން އަންނަކަމަށް ޕްރެޒެންޓަރ ޝަހުބާން ކުރި ސުވާލުގެ ޖަވާބުގައި ޖާބިރު ވިދާޅުވީ އެއީ ރިޝްވަތު ނޫން ކަމަށެވެ. އަދި ޔޫއެސް ޑޮލަރަކީ ރިޝްވަތު ނޫންކަމަށާއި، ރިޝްވަތަށް ވާނީ ދިވެހި ރުފިޔާ ކަމުގައި ޖާބިރު ވިދާޅުވިއެވެ.
”ޔޫއެސް ޑޮލަރުން ތަޅާލާނީ، އެއީ ރިޝްވަތެއްނޫން. ޔޫއެސް ޑޮލަރުން ކިހިނެއްތޯ ރިޝްވަތު ދޭނީ. ރިޝްވަތަކީ ރުފިޔާއިން ދޭ އެއްޗެއް“ ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ޑޮލަރުންތަޅާ ބަލިކުރާ ވާހަކަ ބުނީ ދިވެހި ރާއްޖޭގައި ޑޮލަރު އޮޕަރޭޓްވާން ޖެހޭތީ ކަމަށާއި، ޑޮލަރު ނެތި އެއްކަމެއްވެސް ވާންނެތީމައި ކަމަށެވެ. އަދި މިއީ އިސްލާމީ ޤައުމެއް ކަމަށާއި، މިތަނުގައި އެކަކުވެސް ރިޝްވަތު ނުނަގާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޑިމޮކްރެޓްސް ޕާޓީއަށް ފާޑު ވިދާޅުވަމުން ޖާބިރު ވަނީ އެ ޕާޓީ އަކީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް އުފެއްދި ޕާޓީއެއްކަމާއި، އެޕާޓީން ދައްކާވާހަކަ ޤަބޫލު ނުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީއެއް އޮއްވާ އެނަމުގައި އެހެން ޕާޓީއެއް ނުއުފެއްދޭނެ ކަމާއި، އެކަމާއި ދެކޮޅަށް އިލެކްޝަންސް އަށް މައްސަލަ ހުށަހަޅަންވެސް ޖާބިރު ވަނީ އެމްޑީޕީއަށް ގޮވާލައްވާފައެވެ.
”ތި ޑިމޮކްރެޓޭ ކިޔާ ބައިގަނޑުގެ ކުޑަކޮށް މައްސަލައެއް އުޅޭހެން އަޅުގަނޑަށް ހީވަނީ، ފުރަތަމަ އަމިއްލަ އަށް ރީތި ނަމެއްވެސް ކިޔަން ނޭނގުނު“ ޖާބިރު ވިދާޅުވިއެވެ.
ރިޝްވަތުގެ ވާހަކައިގައި އިތުރަށް ޖާބިރު ވިދާޅުވީ މިރާއްޖޭގައި އެއްވެސް އިންތިޚާބެއްގައި ރިޝްވަތު ނުނަގާ ކަމަށާއި، ކޮންމެ ކަމެއްގައި ނުބައި މާނަ ނަގަން ހެޔޮވެސް ނުވާނެ ކަމަށް ވިދާޅުވެފައެވެ.

