ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު އިންޑިއާ ސަފީރު މަހާވަރު އާއި ބައްދަލު ކުރުމުން އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.
އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވި ގޮތުގައި، އިންޑިއާގެ ސަފީރުއާއި ބައްދަލުކޮށް މަޝްވަރާކުރެއްވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮބްޒާބް ކުރުމާއި ގުޅޭ ގޮތުން ކަމަށެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވި ގޮތުގައި އިންޑިއާގެ ނުފޫޒުން ރާއްޖެ ސަލާމަތް ކުރަން އެބަޖެހޭ ކަމަށާއި ދިވެހިންނަށް ދިވެހިންގެ ނިންމުން ނިންމަން ޖާގަ ލިބެން ޖެހޭނެ ކަމަށެވެ.
“އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ދިވެހި ރައްޔިތުންނަށް ފަހި ކޮށްދޭން ޖެހޭނެ. އިންޑިއާގެ ޕަޕެޓް ވެރިއެއް މިގައުމަށް އިންތިހާބު ކުރުމަށް އިންޑިއާ އިން ކުރާ މަސައްކަތައް އިލެކްޝަންސް ކޮމިޝަނުން ފާރަވެރިވާން ޖެހޭނެ. ފުއާދު އާއި ކޮމިޝަންގެ މެންބަރު ހަބީބް ފަދަ ބޭފުޅުން ގައިގަ ދިވެހި ގައުމީ ލޭ ހިނގަން ޖެހޭނެ. ހުއްބުލް ވަތަންގެ ރޫހު ހުންނަން ޖެހޭނެ.”
މީގެ އިތުރުން، ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ކުރެއްވި ޓްވީޓެއްގައި ފުއާދު އާއި ސަފީރު މަހާވަރުގެ ފޮޓޯއެއް ހިމެނުމަށްފަހު ވިދާޅުވީ މާދަމާގެ ފޮޓޯއަކަށް ވާނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއެކު (އިންޑިއާ ސަފީރު) ހުންނަވާ ފޮޓޯއެއް ކަމަށެވެ.
“ގައުމު އަޅުވެތިކޮށް ނިންމައިފި. ރައީސް ޔާމިންގެ މައްސަލައިގެ ހައިކޯޓްގެ އެއްފަނޑިޔާރު ހުންނެވީ ތައިލެންޑްގެ ޕަތާޔާގައި”
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް އޭރު އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރި މައްސަލަ ވަރަށް ހޫނުވިއެވެ. އޭރުވެސް ކޮމިޝަންގެ ރައީސަކަށް ހުންނެވީ ފުއާދު އެވެ.

