ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކަންސުލްގެ މަޤާމަށް، ސްޓީލް ހާޑްވެއަރގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަލީ ފައުޒީ ހަމަޖައްފަވައިފިއެވެ. މިއީ ރަޝިޔާ ސަރުކާރުން ޙަވާލުކުރާ މަޤާމެކެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ، ދިވެހި ސަރުކާރުން އެބޭފުޅާގެ މަޤާމު ޤަބޫލު ކުރެއްވި ކަމުގެ ލިޔުން އެބޭފުޅާއާއި ޙަވާލު ކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި، މިނިސްޓަރ ޝާހިދު ވަނީ، ޢަލީ ފައުޒީ އަށް މި މަޤާމު ލިބިވަޑައި ގެންނެވީތީ އެބޭފުޅާއަށް މަރުޙަބާ ވިދާޅުވެފައެވެ. މީގެ އިތުރުން ދެބޭފުޅުން މިއަދު ވަނީ، ރާއްޖެއާއި ރަޝިޔާގެ ގުޅުމާއި މެދު ވެސް މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ދެޤައުމުގެ މެދުގައި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ އިތުރަށް، ޓުއަރިޒަމްގެ ދާއިރާއިން ދެޤައުމުގެ މެދުގައި ގުޅުން އިތުރު ކުރުމާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
އޮނަރަރީ ކަންސުލްގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރަނީ އެ ޤައުމެއްގެ ސަފީރެއް ރާއްޖެއަށް ކަނޑައަޅާފައިނުވާ، ނޮން-ރެސިޑެންޓް ސަފީރުން ޢައްޔަންކޮށްފައިވާ ޤައުމުތަކުންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއްޤައުމު ކަމަށްވާ، ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލްގެ މަޤާމަށް ޢައްޔަންކުރެއްވި ޢަލީ ފައުޒީއަކީ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރީގައި ޙަރަކާތެރިވާ، ރާއްޖޭގައި މަޝްހޫރު، ސްޓީލް ހާރޑްވެއަރގެ މެނޭޖިންގ ޑިރެކްޓަރއެވެ.

