ވަގަށް ނަގާފައިވާ 356000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތުން ހޯދައިފިއެވެ.
ފުލުހުން ހާމަކުރިގޮތުގައި މިތަކެތި ހޯދާފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކަކާއި ގުޅިގެން ފުލުހުން ހޯދިހޯދުމުންނެވެ. ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ ބައެއް ތަކެތި ފުލުހުން ހޯދައި އެތަކެތީގެ ވެރިފަރާތާ ވަނީ ހަވާލުކޮށްފައެވެ.
ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި ހޯދާފައިވަނީ މި އަހަރުގެ މެއި އަދި ޖޫން މަހު ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ ތަކެތި ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން ހޯދާފައިވާ ތަކެތީގެ ތެރޭގައި މޯބައިލް ފޯނާއި، އިލެކްޓްރޯނިކްސް ސާމާނާއި ސައިކަލުގެ އިތުރުން ފައިސާއާއި އެހެނިހެން ތަކެތި ހިމެނެއެވެ. މި ތަކެތީގެ އަގު 356000 ރުފިޔާ އަށްވުރެ މަތިވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވައްކަމާއި ފޭރުމާއި އެކިކަހަލަ ކުށްކުރުން ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް ހުޅުމާލޭގައި ފުލުހުން ޙަރަކާތްތެރިވަނީ ނިސްބަތުން ވަރަށް މަދު އަދަދަކަށެވެ.
މީގެކުރިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިފަދަ ކަންކަން އާންމުވަމުން ދިއުމާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެން ފަށާފައިވާއިރު ކުށްކުރުންވެސް އާންމުވެފައިވާކަމަށެވެ. އެހެންނަމަވެސް މިކަންކަން ހައްލުކުރުމަށް އެދެވޭ ބަދަލެއް ނުފެންނަނީ ވަޞީލަތްތައް މަދުކަމުން ކަމުގައި އޭރު ފުލުހުން ބުނެފައިވެއެވެ.

