ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ބަހެއްގެ ކުރިމައްޗަށް އަރައި އިންޑިއާގެ 45 އަހަރުގެ އަންހެނަކު އަމިއްލައަށް މަރުވެއްޖެއެވެ. ޓަމިލް ނާޑޫގެ މި އަންހެން މީހާ މިގޮތަށް ކަންތަށް ކުރީ އޭނާގެ ދަރިންގެ ކޮލެޖު ފީ ސަރުކާރުން ދައްކައިދޭނެ ކަމުގެ އުއްމީދުގައި ކަމަށް އިންޑިއާ ޓުޑޭ އިން ބުނެއެވެ.
ޕާޕާތީ ނަމަކަށް ކިޔާ މި އަންހެން މީހާއަކީ އޭނާގެ އަންހެން ދަރިފުޅާއި ފިރިހެން ދަރިފުޅު ބެލެހެއްޓުމަށް ޓަކައި ޑިސްޓްރިކްޓް ކޮލާބޮރޭޓް އޮފީހުގައި މަސައްކަތް ކުރަމުންދާ އެކަނިވެރި މައެކެވެ. އަންހެން މީހާ އެކަނި އެ ދެކުދިން ބަލަހައްޓަމުން ދާތާ މިހާރު 15 ވަރަކަށް އަހަރު ވެދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓަމިލްނާޑޫގެ ފުލުހުންގެ ސޯސް އަކުން ވެސް ވަނީ ޕާޕާތީ މިފަހުން، އޭނާގެ ދެ ދަރިންގެ ކޮލެޖު ފީ ނުދެއްކިގެން، ވަރަށް ބޮޑަށް ޑިޕްރެސް ވެފައިވާކަމަށް ބުނެފައެވެ. އަދި ކޮންމެވެސް މީހެއްގެ ފަރާތުން ޕާޕާތީއަށް ވަނީ މަގުމަތީގެ އެކްސިޑެންޓް ތަކުގައި މަރުވާ މީހުންނަށް ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާގެ އެހީ ދޭ ކަމުގެ މަޢުލޫމާތު ވެސް ލިބިފައެވެ.

