ހޫނުގަދަވުމުގެ ސަބަބުން އަނދަމުންދާ ޖަންގަލީގެ އަލިފާންގަނޑުތަކުގެ ތެރެއިން އަލިފާންގަނޑެއް ގްރީސްގެ ގެތަކަކާއި ހަމައަށް ފޯރައި، އެ ގެތަކުގައި އަލިފާން ރޯވެއްޖެއެވެ. ގެރީސްގެ ވެރިރަށް އެތެންސްގައި ހުރި މީހުން ދިރިއުޅޭ މި ގެތަކުގައި އަލިފާން ރޯވެފައި ވަނީ ގަދަ ވައިގެ ސަބަބުން އަލިފާންގަނޑު ފެތުރިގެން ދިއުމުން ކަމަށް ޚަބަރުލިބެއެވެ.
އެ ސަރަޙައްރުގައި ހުރި ސަމަރ ކޭމްޕަކަށް ވެސް އަލިފާނުގެ އަސަރުކޮށް އެތައް 100 ކުދިން މިހާރު ވަނީ ރައްކާތެރި ސަރަޙައްދު ތަކަށް ގެންދެވިފައެވެ. އަލިފާނުގެ އަސަރުކޮށްފައިވާ ސަރަޙައްދުން 5 ގެއެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ރޮއިޓާސްއިން ބުނެއެވެ. އަލިފާނުގެ އަސަރު ކުރަމުންދާ ސަރަޙައްދުތަކުން މިހާތަނަށް 100 އަށްވުރެ ގިނަ މީހުންނާއި އަސް ފަދަ ޖަނަވާރުތައް ރައްކާތެރި ސަރަޙައްދުތަކަށް ގެންދެވިފައި ވާކަމަށް ގްރީސްގެ ފަޔަރ ސާވިސް އޮފިޝަލުން ވިދާޅުވެއެވެ.
މީހުން ދިރިއުޅޭ ގެތަކަށް އަސަރު ކުރި މި އަލިފާންގަނޑު ވަނީ 2 ގަޑިއިރުގެ ތެރޭގައި 12 ކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިފައި ކަމަށާއި، މި އަލިފާން ރޯކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު މިހާރު ހައްޔަރު ކުރެވިފައި ވާކަމަށް ވެސް ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި، ގްރީސްގެ ފަޔަރ ސާވިސްގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
މި ނުރައްކާތެރި ޙާލަތުން ޢާއްމުން ރައްކާތެރިކޮށް، ޙާލަތު މައިތިރި ކުރުމަށް 200 އަށްވުރެ ގިނަ އަލިފާން ނިއްވާ މީހުން ޙަރަކާތްތެރި ވަމުންދާއިރު، ސިފައިންގެ 20 ބޭކަލަކާއި 68 ފަޔަރ އިންޖިނިއަރުން މި ޙަރަކާތުގައި ދަނީ ބައިވެރިވަމުންނެވެ. އަލިފާންގަނޑު މައިތިރި ކުރުމަށްޓަކައި 10 މަތިންދާބޯޓަކާއި 6 ހެލިކޮޕްޓަރ ވެސް އެފަރާތްތަކުން ދަނީ ބޭނުން ކުރަމުންނެވެ.

