ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް މި މަސް ނިމުމުގެ ކުރިން އިއުލާން ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ފެލްޓް ކޮމިޓީގެ ޗެއާމަން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
މިކަން ހާމަކޮށް އަކުރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފްލެޓް ލިސްޓު މި މަސް ނިމުމުގެ ކުރިން ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިންވެސް އެހެން ވިދާޅުވެފައި ވާނޭކަމަށްވެސް އަކުރަމް ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުގެ “ގެދޮރުވެރިޔާ” ޕްރޮގްރާމްގެ ދަށުން ފްލެޓްއަށް ކުރިމަތިލާފައިވަނީ 20،600 މީހުންނެވެ. އޭގެ ތެރެއިން 14،00 މީހުން ކުރިމަތިލާފައިވަނީ ތިން ކޮޓަރީގެ އެޕާޓްމެންޓްއަށެވެ. އަދި ބާކީ 6200 މީހުން ކުރިމަތިލާފައިވަނީ ދެ ކޮޓަރީގެ އެޕާޓްމެންޓްއަށެވެ.
މާލެ ސަރަހައްދުން ދޫކުރާ ގޯތި ލިސްޓު މިދިޔަ މަހު ވަނީ އާންމު ކޮށްފަ އެވެ. ސަރުކާރުން ބުނީ ގޯއްޗަށް އެދި 23،088 މީހުން ފޯމް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމްކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ 19،858 މީހުން ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

