މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އޮލިޕްމަސް ސިނަމާގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކައުޝި ފިލްމްގެ ޕްރިމިއަރ ގައި ބައިވެރިވުމަށް ފިލްމްގެ ލީޑް އެކްޓަރ އަމިލަ ކަރުނަޔަކަ އާއި ފިލްމްގެ ލީޑް އެކްޓްރެސް ރަންގި ރާޖަބަކްޝާ ރާއްޖެ އަތުވެއްޖެއެވެ.
އަވައްޓެރި ސްރީލަންކާގެ ސިންހަޅަ ފިލްމްތައް ކުޅެމުން އަންނަ އަމިލަ އާއި ރަންގި ރާއްޖެ އައިސްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
މި ދެފަންނާނުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން މަރުހަބާ ކިޔާފައިވަނީ ފިލްމްގެ ޑައިރެކްޓަރ ޢަލީ ސީޒަންއެވެ.

ކުލަގަދަ ރަސްމިއްޔާތަކާއި އެކު ކައުޝި ޕްރިމިއަރ ކުރުމުގެ ހަފްލާގެ ތައްޔާރީތައް ކުރިއަށް ދާއިރު މި އިވެންޓްގައި ދިވެހި ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް ބައިވެރިވާނޭ ކަމަށް ސީޒަން ބުންޏެވެ.
ކައުޝި ގެ ޓިކެޓް މިހާރު އޮލިމްޕަސް ސިނަމާއިން ވިއްކަމުން ދާއިރު ފިލްމްގެ ނޯމަލް ޓިކެޓްގެ އަގަކީ -/150 ރުފިޔާ އެވެ. އަދި ގޯލްޑް ޓިކެޓްގެ އަގަކީ -/200 ރުފިޔާ އެވެ.
ކައުޝީ އަކީ ސިންހަޅަ ފިލްމް ސްޓާރުން ހިމަނައިގެން ސްރީލަންކާގައި ޝޫޓް ކޮށްފައިވާ ފިލްމެވެ. މި ފިލްމްގެ މަންޒަރުތައް ނަގާދީފައިވަނީ ރާއްޖޭގެ ޒުވާން ކެމެރާމަން ޝިވާޒް ޢަބްދުﷲ (މާސްކޭ) އެވެ. ފިލްމްގެ ބެކް މިއުޒިކް ހަދައިދީފައިވަނީ އައްޔުމަން ޝަރީފެވެ.
މި ފިލްމްގެ ޝޯވް ތައް މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމަޔަށް އޮލިޕްހުގައި ކުރިއަށް ދާނެއެވެ. 7458800 ނަމްބަރަށް ވައިބަރ ކޮށްގެންވެސް ޓިކެޓް ގަނެވޭނެ ކަމަށް އެސް.ޕްރޮޑަކްޝަންސް އިން މަޢުލޫމާތު ދީފައިވެއެވެ.

