ރޭ ދަންވަރުގެ ވަގުތުގައި ރަޝިޔާއިން ދިން ވައިގެ ޙަމަލާތަކެއްގައި ކަޅު ކަނޑުގެ އައްސޭރިފަށުގައި އޮންނަ ޔޫކްރޭންގެ އޮޑެސާ ސިޓީގެ ޕޯރޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ ކަމަށް ޔޫކްރޭންގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ގޮވާން އެކްސްޕޯޓު ކުރުމަށް ޚާއްޞަ މި ޕޯރޓަށް ރަޝިޔާއިން ރޭ ދަންވަރުގެ ވަގުތުގައި ދިން ވައިގެ ޙަމަލާތަކުން ޙަމަލާއެއް އަރާ ގެއްލުންތަށް ވެފައި މިވަނީ އިއްޔެ ކްރައިމިއާ ބްރިޖަށް ޔޫކްރޭނުން ދިން ޙަމަލާގެ ބަދަލު ހިފާނެކަމަށް ރަޝިޔާއިން ބުނެފައި ވަނިކޮށެވެ.
ރަޝިޔާއިން ފޮނުވާލި ގިނަ މިސައިލްތަކާއި ޑްރޯންތައް ވައިގެ ތެރޭގައި ވަނިކޮށް ވައްޓާލާފައި ވާކަމަށް ޔޫކްރޭނުން ބުނެއެވެ. މި ޙަމަލާތަކުގައި ގިނަ ގެތަކަކާއި އެހެނިހެން ޢިމާރާތްތަކަށް ގެއްލުން ވިކަން ޔޫކްރޭނުން ކަށަވަރު ކޮށްދީފައި ވާއިރު، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ ނުވާކަމަށް އެޤައުމުން ބުނެއެވެ. އެހެނަސް މި ޙަމަލާތަކުގެ ސަބަބުން ޢުމުރުން ދުވަސްވީ މީހަކު ޒަޚަމްވެފައި ވާކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
އޮޑެސާ ޕޯރޓުގެ އެކްސްޕޯޓަށް ބުރޫ ނޭރުވުމަށް އދ އާއި އެކު ދެޤައުމުން އެއްބަސްވެފައި ވީނަމަވެސް، ރަޝިޔާ-ޔޫކްރޭން ހަނގުރާމަ ފެށުނީއްސުރެ އެކިފަހަރު މަތިން އޮޑެސާ ޕޯޓަށް ވަނީ ރަޝިޔާގެ ޙަމަލާތައް އަމާޒުވެފައެވެ. އަދި އިއްޔެ ކްރައިމިއާ ބްރިޖަށް ޔޫކްރޭނުން ދިން ޙަމަލާއަށް ފަހު ރަޝިޔާއިން ވަނީ މިއެއްބަސްވުމަށް އެފަރާތުން ދެން ޢަމަލު ނުކުރާނެ ކަމަށް ބުނެފައެވެ.

