ވިހިވަނަ ރައްޔިތުންގެ މަޖިލީސްއަށް ހަ ގޮނޑި އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ. އީސީގެ ނައިބު ރައީސް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ގެންނަ ބަދަލުތައް ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން، އަންނަ އަހަރު މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ގެނެވޭ ބަދަލުތަކުގެ ގޮތުގައި މަޖިލީހަށް ހަ ގޮނޑި އިތުރުކޮށް އީސީން ވަނީ ދާއިރާތައް އާންމުކޮށްފައެވެ. އެއީ:
- މާލެ އަށް 2 ގޮނޑި
- އައްޑުއަށް 1 ގޮނޑި
- ބ. އަތޮޅަށް 1 ގޮނޑި
- ކ. އަތޮޅަށް އެއް ގޮނޑި
- ގއ. އަތޮޅަށް އެއް ގޮނޑި
މަޖިލީހުގެ މެމްބަރުންގެ މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 82،500 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި މެމްބަރުންގެ މުސާރައަށް މަހަކު 7.2 މިލިއަން ރުފިޔާ ހަރަދުވެއެވެ.
ނަމަވެސް މަޖިލީހަށް އިތުރުކުރި ހަ ގޮނޑިއާއި އެކު މިހާރު މަހަކު މެމްބަރުންގެ މުސާރައިގެ ގޮތުގައި 7.7 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އަދި މިއީ 495،000 ރުފިޔާގެ އިތުރުވުމެކެވެ.
އީސީގެ ނައިބު ރައީސް ހަބީބް ވިދާޅުވެފައިވާ ގޮތުގައި، ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކޮްފައިވާ ޖުމުލަ އާބާދީގެ އަދަދުތަކުގެ ތަފްސީލު އެ ކޮމިޝަނުން ވަރަށް އަވަހަށް އިޢުލާންކުރާނެއެވެ.
މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ތިއްބަވަނީ 87 މެމްބަރުންނެވެ. އިތުރުވި ހަ ގޮނޑިއާއެކު ދެން އަންނަ މަޖިލީހެއްގައި 93 މެމްބަރުން ތިއްބަވާނެ އެވެ.

