ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހުފަދަ ދެވަނަ ކެނޑިޑޭޓަކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާ ކަމަށާއި އެފަދަ ދެވަނަ ކެނޑިޑޭޓަކުވެސް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިފަދައިން ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު މިއަދު ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މެމްބަރު ސަލީމްގެ ރަށް ހއ. ހޯރަފުށްޓަށް ވަޑައިގެން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިއީ ރައީސް ޞޯލިހުގެ ޒަޢާމަތުގައި ހޯރަފުއްޓަށް ކުރި ހަތަރުވަނަ ދަތުރުފުޅު ކަމަށާއި، ރައީސްގެ މި ޒަޢާމަތުގެ ތެރޭގައި އެންމެ ގިނައިން ވަޑައިންނެވި އެއްރަކީ ހޯރަފުށިކަމާއި، އެއީ ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށްބޮޑު ޝަރަފަކާއި ފަޚުރެއް ކަމަށް ސަލީމް ވިދާޅުވިއެވެ.
”މިއީ ރައީސް ޞޯލިހުގެ ޒަޢާމަތުގައި ހޯރަފުއްޓަށް ކުރި ހަތަރުވަނަ ދަތުރުފުޅު. ރައީސްގެ މި ޒަޢާމަތުގެ ތެރޭގައި އެންމެ ގިނައިން ވަޑައިންނެވި އެއްރަކަށް ހަމަ ގައިމުވެސް ހޯރަފުށި ވެގެން މިދަނީ އެއީ މިރަށާއި ރަށުގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށްބޮޑު ޝަރަފެއް ވަރަށްބޮޑު ފަޚުރެއް“ ސަލީމް ވިދާޅުވިއެވެ.
ރައީސްގެ ޒަޢާމަތުގައި ހޯރަފުއްޓަށް ލިބިގެންދިޔަ ޚިދުމަތްތަކަކީ ލަފްޒަކުން ޖުމްލައަކުން މަޒުމޫނަކުން އަދި ޅެމަކުންވެސް ބަޔާންކުރަން ފަސޭހަ ޚިދުމަތްތަކެއް ނޫންކަމަށާއި، ހޯރަފުށީގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ ރައީސް ޞޯލިހު ގެނެސްދެއްވި ތަރައްޤީކަމުގައި ސަލީމް ވިދާޅުވިއެވެ.
”ރައީސްގެ ޒަޢާމަތުގައި ހޯރަފުއްޓަށް ލިބިގެންދިޔަ ޚިދުމަތްތަކުގެ ވާހަކަ އިތުރަށް ދައްކާކަށް ނެތިން. އަޅުގަނޑު ޤަބޫލުކުރަން އެ ޚިދުމަތްތަކަކީ ލަފްޒަކުން ޖުމްލައަކުން މަޒުމޫނަކުން އަދި ޅެމަކުންވެސް ބަޔާންކުރަން ފަސޭހަ ޚިދުމަތްތަކެއް ނޫންކަން. ކަނާތަށް ބެއްލެވިޔަސް ވައަތަށް ބެއްލެވިޔަސް ކުރިމައްޗަށް ބެއްލެވިޔަސް އަޅުގަނޑުމެންގެ ފުރަގަހުންވެސް ފެނިގެން މިދަނީ ޢިއްޒަތްތެރި ރައީސް މިރަށް ތަރައްޤީ ކޮށްދެއްވުމަށްޓަކާ ކުރައްވާފައިވާ ބުރަ މިންނެތް މަސައްކަތްޕުޅުތައް. އެކަމަށްޓަކާ ފަށްފަށުން ރައީސް އަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން“ ސަލީމް ވިދާޅުވިއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ޢިޝާރާތްކުރައްވާ ސަލީމް ވިދާޅުވީ އަނެއްކާވެސް ކުރިިމަތިމިލަނީ ވަރަށް މުހިންމު މަސައްކަތަކާއި ކަމަށާއި ބޯމަތިވަމުން މި އަންނަނީ ވޯޓު ކަރުދާސްކޮޅުގައި ޒިންމާދާރު ކަމާއެކު ފާހަގަ ޖަހަންޖެހޭ ވަގުތު ކަމަށެވެ. އެހެންކަމުން މިކަންކަމުގައި ވަރަށް ވިސްނުންތެރި ކަމާއެކުގައި ނޫނީ ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ގިނަ ތަޖުރިބާކާރުން ދެބަސްވާ ވަރަށް ގިނަ ކަންކަން ހުންނަކަމަށާއި، އެހެންނަމަވެސް އެހުރިހާ ފަރާތްތަކުން އެއްބަސްވާ ކަމެއްވެސް އޮންނަކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ އެކަންކަމަކީ މަޤްބޫލު ކާމިޔާބު ވެރިންގެ ކިބައިގައި 3 މުހިންމު ކަމެއް ކަމަށެވެ.
އެއީ ކޯލިޝަން ދެމެއްޓުމާއި، ރައްޔިތުންނަށް އޯގާތެރި ރައްޔިތުން އިސްކުރާ ލީޑަރަކަށް ވުން ކަމާއި، އެކަމުގެ މިސާލަކީ ކޮވިޑްގެ ދަތި ޙާލަތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ރައްޔިތުން އިސްކުރެއްވުން ކަމުގައި ސަލީމް ވިދާޅުވިއެވެ. ތިން ވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ތަސައްވުރެއް އޮންނަ ލީޑަރަކަށް ވުމެވެ. އެގޮތުން ޤައުމީ ތަރައްޤީ އާއި ރަށު ތަރައްޤީ އާއިގުޅޭ ތަސައްވުރެއް އޮތް އެހެން ކެނޑިޑޭޓެއް ރައީސް ޞޯލިހު ފިޔަވައި ފެނިވަޑައި ނުގަންނަވާކަމަށް ސަލީމް ވިދާޅުވިއެވެ.
ރައީސް ޞޯލިހަކީ ޖަދަލުކުރައްވާ ބޭފުޅެެއް ނޫންކަމަށާއި، މީހުން ނިކަމެތިކުރާ ބޭފުޅެއްވެސް ނޫންކަމަށް ވިދާޅުވެ ސަލީމް ވަނީ ރައީސް ޞޯލިހަކީ ރާއްޖޭގެ ތާރީޚު ނުދެކޭފަދަ އޯގާތެރި ވެރިއެއް ކަމަށާއި، މިފަދަ ދެވަނަ ކެނޑިޑޭޓެއް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާ ކަމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.

