ސަރުކާރާއި އިދިކޮޅު އެންމެބޮޑު ސިޔާސީ ޕާޓީ ޕީޕީއެމް/ޕީއެންސީ އިން އެއްބަސްވާނަމަ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި، އެމްއާރްއެމް އާއި ވާހަކަދައްކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް އެއްބަސްވެއްޖެއެވެ.
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މިފަދަ އެއްބަސްވުމެއް ވެފައިވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބާއި ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ރައީސް ނަޝީދާއި، ޤާސިމް އިބްރާހިމް އަދި ނާޒިމް މިއަދު ޖުމްހޫރީ ޕާޓީގެ މައި އޮފީސް، ކުނޫޒުގައި ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކުރެއްވުމަށްފަހުއެވެ.
ކުނޫޒު ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރައްވަމުން ޤާސިމް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ޕީޕީއެެމާއި، އެމްއާރްއެމް އާއި ވާހަކަ ދައްކައިގެން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރެން އެ ތިން ބޭފުޅުން އެބަސްވެވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިއަދު އެއްބަސްވެވިއްޖެ މި ތިން ޕާޓީން ވެސް ވާހަކަ ދައްކައިގެން އަދި ޕީޕީއެމާ އެމްއާރްއެމާއެކު ވެސް ވާހަކަ ދައްކައިގެން އެއް ކެންޑިޑޭޓަކު ނެރެން އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަމަށްވާނަމަ ކުރިއަށް ދިއުމަށް އަޅުގަނޑުމެން ތިން ޕާޓީގެ އިސް ތިން ބޭފުޅުންނަށް އެއްބަސްވެވިއްޖެ" ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އެއް ކެނޑިޑޭޓަކު ނެރެން މަޝްވަރާކުރުމަށް ނިންމާފައިވާއިރު، މިއަދުގެ ބައްދަލުވުމަށް ފަހު ރައީސް ނަޝީދު ވަނީ އެމަނިކުފާނު ދާދިފަހުން ގުޅިވަޑައިގެންނެވި ދަޑިމޮކްރެޓްސް ގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.
އިދިކޮޅު ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރެން ޕީޕީއެމާއި ވާހަކަދައްކަވަން ނަޝީދާއި، ޤާސިމާއި، ނާޒިމް އެއްބަސްވެ ވަޑައިގެންފައިވާއިރު، އިދިކޮޅު މައި ޕާޓީ ޕީޕީއެމުން ތަކުރާރުކޮށް ބުނަމުންދަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން އަބްދުލްޤައްޔޫމް ފިޔަވައި އެހެން ކެނޑިޑޭޓެއް ޚިޔާރު ނުކުރާނެ ކަމަށާއި، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ.

