މިހާރު މިއޮތް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިންމުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓްގެ ގޮތުގައި ހަމަޖެއްސުމަކީ އެދޭ ގޮތް ކަމަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އާއި ޕީއެންސީން މިއަދު ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނެފައިމިވަނީ އަންނަ ސެޕްޓަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީއާއި ދަ ޑިމޮކްރެޓްސް އަދި ޖުމްހޫރި ޕާޓީ ގުޅިގެން އެއް ކެނޑިޑޭޓްއަކު ނެރެން އެއްބަސްވެ، ޕީޕީއެމްއިން އެކަމަށް އެއްބާސްވާނަމަ އެފަދައިން ކަންކަން ކުރަން ނިންމާފައިވާ ކަމަށް ހާމަކުރުމާއި ގުޅިގެންނެވެ.
އަދި އެކަމާއި ގުޅިގެން އެމްއާރުއެމް އަދި ޕީޕީއެމްއާއި އެކު މަޝްވަރާ ކުރުމަށް އެ ތިން ޕާޓީއިން ވަނީ ނިންމާފައެވެ.
ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ސޯލިހްގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެ ޕާޓީން މަރުހަބާ ދަންނަވާ ކަމަށެވެ. ނަމަވެސް، ރައީސް ސޯލިހްގެ ވެރިކަން ނިންމުމުގައި ޔާމީނަކީ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓަށް ހަދަން ޖެހޭ ކަމަށް ބަޔާނުގައިވެއެވެ.
“މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިކޯލިޝަންގެ ފަރާތުން މާލެއާއި އަތޮޅުތަކުގައި މިގެންދަނީ ބާރަށް ކުރިއަށް ކަމުގައިވެސް ދެންނެވީމެވެ.” ޕީޕީއެމް/ޕީއެންސީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީ ސެނެޓްގެ އިއްތިފާގުންނެވެ. އަދި އެ ކޯލިޝަނުން ރައީސް ޔާމީނަށް ޓިކެޓު އަރުވާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފައެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުންނެވެ.

