ކުރިއަށްއޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން ރާއްޖޭގެ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން އިތުރު ފުރުޞަތެއް ދިނުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް އިތުރު ފުރުޞަތެއް ދޭން އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
އެގޮތުން ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އިތުރު ފުރުޞަތެއް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިން އާ އެއްގޮތަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 30 ފަރާތަކުން ރީ ރަޖިސްޓްރޭޝަން ފޯމު މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮމިޝަނަށް ހުށަހަޅައިފިނަމަ، މިހާތަނަށް ވޯޓުފޮށްޓެއް ބެހެއްޓުމަށް ބޭނުންވެގެން އެދިފައި ނެތް 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދޭން ނިންމާފައިވާކަމަށް ހަބީބު ވިދާޅުވިއެވެ. އަދި އެކަން މިހާރު ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ވެސް އަންގާފައި ކަމުގައި ހަބީބު ވިދާޅުވިއެވެ.
އިންތިޚާބާއި ގުޅިގެން އިތުރު ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށްޓާއި ގުޅިގެން މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ބުނީ މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި 78 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށާއި 69 ރިސޯޓަކުން އެ ރިސޯޓުތަކުގައި ވޯޓު ފޮށި ނުބަހައްޓާ ކައިރި ރަށްރަށަށް ވޯޓު ލެވޭނެ ގޮތް ހެދުމުގެ ފުރުޞަތު މުވައްޒަފުންނަށް ފަހިކޮށްދޭނެކަން އަންގާފައިވާ ކަމަށެވެ.

