ވޭތުވެދިޔަ ފަސް އަހަރަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި އެންމެ ކުށް މަދުވެގެން ދިޔަ އަހަރުތައް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރިޔާސީ އިންތިހާޞުގެ ކެމްޕެއިންގެ ތެރެއިން ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން، ހއ. ތުރާކުނަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
“މި ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރުގައި މިއި މި ރާއްޖޭގެ މި ފަހުގެ ތާރީޚުގައި އެންމެ ކުށްމަދު ފަސް އަހަރުކަމުގައި ފުލުހުން ރިޕޯޓުކޮށްފައި އެބައޮތް”
މީގެ އިތުރުން ރައީސް ޞާލިހްގެ ވެރިކަމުގެ ސިޔާސަތުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ، ރާއްޖެއަކީ އަމާން މުޖުތަމަޢެއް އޮންނަ ގައުމަކަށް އެހުން ކަމަށާއި އެކަން އެފަދައިން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މި ވޭދުވެދިޔަ ފަސް އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއީ ފަހުގެ ތާރީހެއްގައި އެންމެ ކުށްމަދު ފަސް އަހަރު ކަމަށް ފުލުހުން ރިޕޯޓްތަކުން ދައްކާ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގައި އެ އިންސައްތަ ކުރިއަށްވުރެ ދަށްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ތަޢުލީމީ ގޮތުން މީހުން ބިނާކުރުމަކީ ވަރަށްބޮޑަށް އިސްކަމެއް ދިން ސިޔާސަތެއްކަމަށާއި އެގޮތުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ފުރުޞަތާއެކު މިއަދުގެ މިހާތަނަށް 18،000 ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔަވަމުންދާކަމަށެވެ.
އޭގެ ތެރެއިން 6،000 ދަރިވަރުން ކިޔަވައި ނިމިފައިވާއިރު، އެތަނުން 13 ދަރިވަރުންނަކީ ތުރާކުނަށް ނިޞްބަތްވާ ދަރިވަރުންކަމަށާއި 23 ދަރިވަރަކު އަދިވެސް ކިޔަވަމުންދާކަމަށް ރައީސް ޞާލިޙު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތްތަނުގައި ތުރާކުނަށް ކޮށްދެއްވާނެ ބައެއް ކަންތައްތައް އެމަނިކުފާނު ވިދާޅުވެފައިވާއިރު އޭގެ ތެރޭގައި އެ ރަށު ބަނދަރު ބޮޑުކޮށްދީ ރަށަށް އަރައި ފައިބަން ދަތިވެފައި އޮތް މައްސަލައަށް ހައްލެއް ގެނެސްދިނުން ހިމެނެއެވެ.
މީގެ އިތުރުން ވަކިވަކިން ހުންނަ ރަށްތަކަށް ދިރުމެއް އަންނަނީ ދެން ހުންނަ ރަށްތަކާއި ގުޅުވާލެވިގެން ކަމަށާއި މި ރަށުގައި ނެތް ކައިރީގައި ޖެހިގެން ހުންނަ ރަށުން ލިބޭ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްތަކެއް ހަދައިދެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މުޅި ރާއްޖެ އާރްޓީއެލްގެ ހިދުމަތުން ގުޅާލުމުގެ މަސައްކަތް ފަށައިގެންފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދު ހއ، ހދ އަދި ށ. އަތޮޅުގައި އެކަން ރަނގަޅަށް ކުރެވެމުން އެބަދާ ކަމަށެވެ.

