ކުރީގެ ރައީސް އަދި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ލީޑަރ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުިުމްއިން މިނިވަން ކުރުމުމަށް ގޮވާލާ އެމަނިކުފާނުގެ ސަޕޯޓަރުން ރޭ ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން 14 މީހަކު ހައްޔަރުކޮށްފިއެވެ.
ސިލްސިލާކޮށް ކޮންމެ ރެއަކުހެން ކުރިއަށް ގެންދާ މި އެއްވުމުގެ ތެރެއިން ރޭ ހައްޔަރުކޮށްފައިވަނީ 11 ފިރިހެނުންނާއި 3 އަންހެނުންކަމަށް އެ ޕާޓީން ހާމަކޮށްފައިވެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ޕީޕީއެމްއިން ކަނޑައަޅާފައިވާ ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތް ލަސްވަމުން ދާތީ ޕީޕީއެމް އާއި ރައީސްގެ ސަޕޯޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ އިތުރުން މުޖުތަމައުގެ ހަމޖެހުން ނަގާލާ ގެއްލޭ ފަދަ ގޮތަކަށް މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭނޭ ކަމަށް ބުނެ ހޯމް މިނިސްޓަރ އިމްރާންވަނީ އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، މުޒާހަރާކުރާ ފަރާތްތަކަށް އިންޒާރު ދީފައެވެ.
އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް އެއްވުންތައް ކުރިއަށް ގެންދިޔަ ނަމަވެސް ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ އިސް އިސްތިއުނާފް އަޑުއެހުމެއް އަދި ތާވަލްކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ދެން އެންމެ އަވަހަަށްވެސް އަޑު އެހުމެއް ތާވަލް ކުރެވިގެންދާނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.

