އަނެއްކާވެސް ސްވިޑަންގައި ޤުރުއާން އަންދަން އުޅޭކަމަށް ބުނެ ރޭ ދަންވަރުގެ ވަގުތެއްގައި އެތައް ސަތޭކަ މީހުން ޢިރާޤުގައި ހުންނަ ސްވިޑަން އެމްބަސީއަށް ވަދެގަނެ އެތަނުގެ ފާރުތައް ވައްޓައި އަލިފާން ރޯކޮށްފިއެވެ.
މިކަން ހާމަކޮށް ސްވިޑަންގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި އެ އެމްބަސީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ތިބީ ހެޔޮޙާލުގައި ކަމަށް ބުނެފައިވެއެވެ. ޢިރާޤު ސަރުކާރުން އެޤައުމުގައި ހުންނަ އެހެން ޤައުމުތަކުގެ އެމްބަސީ ފަދަ ތަންތަން ޙިމާޔަތް ކުރަން ޖެހޭނެކަމަށް ވެސް މި ޙަމަލާ ކުށްވެރިކޮށް ނެރުނު މި ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ. އަދި މިޙަމަލާއާއި ގުޅޭގޮތުން ޢިރާޤު ސަރުކާރުން މިހާރުން މިހާރަށް ޖަވާބުދާރީ ވުމަށްވެސް މިބަޔާނުގައި ވަނީ ގޮވާލާފައެވެ.
މި ޙަމަލާދިނުމަށް ޢިރާޤު ރައްޔިތުން ނުކުމެފައި މިވަނީ ޝީޢީންގެ ޢިލްމުވެރިއެއް ކަމަށްވާ މުޤްތަޟާ ޞަދްރުގެ ގޮވާލުމަކަށް ކަމަށް، ނުފޫޒުގަދަ މި ޢިލްމުވެރިޔާ އާއި ބެހޭގޮތުން ކޮށްފައިވާ ޓެލެގްރާމް ޕޯސްޓް ތަކުންނާއި މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
ސްވިޑަންގައި ހުންނަ ޢިރާޤު އެމްބަސީގެ ކުރިމަތީގައި މިއަދު ޢާއްމު އެއްވުމެއް ބޭއްވުމަށް އިއްޔެ ވަނީ އެޤައުމުގެ ފުލުހުން ހުއްދަ ދީފައެވެ. މި ހުއްދައިގައި ބުނެފައި ވާގޮތުން ފުލުހުން ވަނީ މިކަމުގައި ޙަރަކާތްތެރި ވުމަށް 2 މީހަކަށް ހުއްދަދީފައެވެ. ސްވިޑަންގެ ނޫސް އެޖެންސީއެއް ކަމަށްވާ ޓީ.ޓީ. އާއި ޙަވާލާދީ ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެދެމީހުން ވަނީ މި އެއްވުމުގައި ޤުރުއާނާއި ޢިރާޤްގެ ދިދަ އެންދުމަށް ނިންމާފައެވެ.
ސްވިޑަންގައި މިފަހުން ވަނީ މިފަދަ ކަންކަން ކުރުމަށް އެދުނު ގިނަ ހުއްދަތަކެއް ދިނުމަށް އެޤައުމުގެ ފުލުހުން އިންކާރު ކޮށްފައެވެ. އެހެނަސް، މިއީ، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުންކަމަށް ބުނެ ފުލުހުންގެ މި ނިންމުން އެޤައުމުގެ ކޯޓުން ވަނީ ބާޠިލު ކޮށްފައެވެ.
އެމްބަސީއަށް ވަދެގަތް މީހުން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރުމުން ދެފަރާތުގެ މެދުގައި ވަނީ ޙަމަލާތައް ވެސް ބަދަލު ކުރެވިފައެވެ.

