ސަން ކޮންސްޓްރަކްޝަން ކުންފުންޏަށް ޑޮލަރު ޖަމާކުރުމަށް އަހުމަދު ކްރިކް ރިޒާގެ ނަމާއި ސޮއިކޮށްފައިވާ ޗެކެއް ލިބުނުކަމަށް، އޭރު އެ ކުންފުނީގެ ފައިނޭންސް ޑިރެކްޓަރުގެ ވަޒީފާގައި ހުރި ސްރީ ލަންކާގެ ސްރީތަކުމާރު ޝަރީއަތުގައި މިއަދު ބުނެފި އެވެ.
މިއަދު ހެނދުނު އޮތް ޝަރީއަތުގެ އަޑުއެހުމުގައި، ސަން ކޮންސްޓްރަކްޝަންގެ ކުރީގެ ޑިރެކްޓަރގެ ގޮތުގައި ހުރި ސްރީތަކުމާރު ބުނެފައިވަނީ ޑޮލަރު މާރުގެ މުއާމަލާތެއް ކުރަން އޮތް ކަމަށް އޭނާއަށް ފުރަތަމަ އެންގީ ސަން ކުންފުނިތަކުގެ ވެރިޔާ، އޭރު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ކަމަށެވެ.
އަދި އޭގެ ފަހުން އެމްޑީއޭގެ ނައިބު ރައީސް އަހުމަދު މައުރޫފު، އިތުރު މީހަކާއިއެކު އޭނާއާ ބައްދަލުކޮށްފައިވާ ކަމަށާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ އެކައުންޓަށް ޖަމާކުރަން އެ ދުވަހު އޭނާއަށް ދިން ޗެކުގައި އޮތީ ރިޒާގެ ނަން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެީ އެއް މިލިއަންއަށްވުރެ ގިނަ ޑޮލަރުކަމަށްވެސް އޭނާ ބުންޏެވެ.
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ހިމެނޭ މައްސަލައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.
މި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.އިސާ ޖަމާކުރި ނަމަވެސް އެ ކުންފުންޏަކީ ކަރެންސީ އެކްސްޗޭންޖުގެ ލައިސެންސް އޮތް ކުންފުންޏެއް ނޫން ކަމުން، އެ ލައިސަންސް އޮތް ސަން އިންވެސްތްމެންޓްގެ އެކައުންޓްއަށް ފައިސާ ޓްރާންސްފާ ކުރިކަމަށް ސްރީތަކުމާރު ބުނިއެވެ.
ނަމަވެސް އޭގެ ތެރެއިން ކްރިކް ރިޒާއަށް ކުރާ ދައުވާ މިހާރު ވަނީ އަނބުރާ ގެނެސްފަ އެވެ.

