އިންޑިޔާގެ މަނީޕޫރުގައި ކޫކީ އަންހެން ކުއްޖެއްގެ ޢަބުރާއި ޢިތްފަތް ގެއްލުވާލި ޙާދިސާ އާއި މެދު ފުރަތަމަ ފަހަރަށް ބޮޑުވަޒީރު މޯދީ ވާހަކަދައްކައިފިއެވެ. މަނީޕޫރުގެ ޙާލަތާއި މެދު މޯދީގެ ބަހެއް އިވިފައި މިވަނީ މެދުކެނޑުމެއް ނެތި އެތަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް 79 ދުވަހަށް ފަހުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުތުރު އިރުމަތީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ މަނީޕޫރުގައި ދިރިއުޅޭ ދެދަރިކޮޅު ކަމަށްވާ މީޓީންނާއި ކޫކީންގެ މެދުގައި ހަމަނުޖެހުންތައް އުފެދިފައި ވަނީ، ބައިމަދު، ކްރިސްޓިއަނުން ކަމަށްވާ ކޫކީންނަށް އެމީހުންގެ ދަރިކޮޅުގެ ނަމުގެ ސަބަބުން އެސަރަޙައްދުގައި ޚާއްޞަ ކަމަކާއި މަތީ މަޤާމެއް ލިބިފައި ވާކަމަށް، ހިންދޫންގެ އަޣުލަބިއްޔަތު އޮންނަ މީޓީން ބުނެ އެކަން ބަދަލު ކުރަން އުޅުމުންނެވެ.
ރައްޔިތުން މަޖިލިސްކުރާ ގޭގެ ކުރިމަތީގައި ހުރެ މޯދީ ވަނީ، މަނީޕޫރުގެ އުޚުތުންނަށް ދިމާވި ކަންކަމަށް މަޢާފުދެވޭކަށް ނޯންނާނެކަމަށާއި، އަނިޔާވެރިންނަށް ނުފިލޭނެކަމަށް ބުނެފައެވެ.
މޯދީ މިފަދަ މޭރުމަކުން ވާހަކަދައްކާފައި މިވަނީ، މިޓީންގެ ބަޔަކު ކޫކީ ދަރިކޮޅަށް ނިސްބަތްވާ އަންހެނަކު ބަރަހަނާ ޙާލުގައި ކަންގކޯޕީ ނަމަކަށްކިޔާ އަވަށެއްގެ މަގުތަކުގައި ގަންހިންގުވައި ރޭޕުކުރި ޙާދިސާ އެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައި ވަނިކޮށެވެ. މިއީ، މިއީ ފާއިތުވި މެއި މަހުގެ 4 ވަނަ ދުވަހު ހިންގާފައިވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިޙާދިސާ ހިނގިފަހުން 2 މަހާއި ބައި ފާއިތުވެގެން ގޮސްފައި ވާއިރު، މިކަމާއި ބެހޭގޮތުން ބޮޑުވަޒީރު މޯދީގެ ބަހެއް ނުލިބި ޢާއްމުން އޭނާއަށް ކުރިމަތި ކުރަމުން ދިޔަ ފާޑުކިއުން ތަކަށް މޯދީ މިހާތަނަށް ދީފައި ވަނީ ބީރު ކަންފަތެކެވެ.
ޙައްދުފަހަނަ އަޅާފައިވާ މިޓީ ހިންދޫންގެ އަނިޔާވެރި ޢަމަލުތަކާއި ކުރިމަތިލާން ޖެހިފައި ވަނީ ހަމައެކަނި ކޫކީ ކްރިސްޓިއަނުންނެއް ނޫނެވެ. މީޓީ ދަރިކޮޅަށް ނިސްބަތްވާ ބައިމަދު މުސްލިމުންނާއި މެދުވެސް އެމީހުން ދަނީ މިފަދަ އެތަށް ޢަމަލުތަކެއް ހިންގަމުންނެވެ. މިފަދަ ކަންކަމުގެ ވީޑިއޯތަށް ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރުވެސް، އިންޑީއާގެ މީޑިއާ އާއި ސަރުކާރު އެކަންކަމާއި މެދު ބަހެއް ބުނާ މަންޒަރު ފެންނަނީ ވަރަށް މަދުންނެވެ.
މެއި މަހުގެ 3 ވަނަ ދުވަހު ފެށުނު ހަމަނުޖެހުން ތަކުގައި މިހާތަނަށް 150 މީހުން މަރުވެ އެތަށް ދިހަދިހަ ހާސް މީހުންނެއްގެ ގެދޮރު ގެއްލި އެފަރާތްތަކަށް ވަނީ ވަގުތީ ހިޔާތަކުގައި ދިރިއުޅެން މަޖުބޫރުވެފައެވެ.

