ކުރީގެ ރައީސް އަދި ޕީޕީއެމް ޕީއެންސީގެ ކޯލިޝަންގެ ލީޑަރ އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ، އިދިކޮޅު ކޯލިޝަން އިން ކުރަމުން ގެންދާ ސުލްޙަވެރި އިހުތިޖާޖްގެ ތެރެއިން ގިނަ އަދަދެއްގެ މަޖިލީސް މެމްބަރުން ހައްޔަރުކޮށްފިއެވެ.
ޕީޕީއެމް-ޕީއެންސީގެ ކޯލިޝަންއިން ސުލްހަވެރި އިހުތިޖާޖްގެ ނަމުގައި މިއަދު ބޭއްވި އެއްވުމުގެ ތެރެއިން މީހުން ހައްޔަރުކޮށްފައިވަނީ ޖުމްހޫރީ މައިދާނުންނެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި، ގްރީން ޒޯންއަށް އެއްވި ބަޔަކުވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް ހައްޔަރުކުރި ވާހަކައެއް ބުނެފައެއް ނުވެއެވެ.
“އެއްވެ އުޅުން މަނާ ސަރަހައްދަކަށް އެއްވެ މުޒާހަރާކޮށް އަދި ފުލުހުންގެ ގާނުނީ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ޖުމްހޫރީ މައިދާނުން ހަތް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ. އޭގެ ތެރޭގައި މަޖިލީހުގެ ހަތަރު މެންބަރުން ހިމެނޭ،” ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
މީގެ އިތުރުން ގާނޫނީ ގޮތުން ގްރީން ޒޯންއަކީ އެއްވުން މަނާ ސަރަހައްދެކެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަރާތްތަކުގެ ތެރޭގައި، ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު، މާލެ ސިޓީ ކައުންސިލަރ އިބްރާހިމް ޝުޖާއުގެ އަދި މާލެ ސިޓީ ކައުންސިލަރ އަދި ޕީޕީއެމްގެ ސެނެޓަރ، އަހުމަދު އައިފާން ހިމެނެއެވެ.
މި ބޭފުޅުންގެ އިތުރުން އެހެން ބައެއް ހައްޔަރުކޮށްފައި ނުވާކަމަށް ޕީޕީއެމްއިން ހާމަކުރެއެވެ.
ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން އަންނަނީ ސިލްސިލާކޮށް އެއްވުންތައް ބާއްވަމުންނެވެ.
ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލަން ވަގުތު ކުޑަތަން ވެފައި ވާއިރު ޕީޕީއެމް/ޕީއެންސީން ބުނަމުން ދަނީ ކެންޑިޑޭޓަކީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާޠިލް ނުކުރާނަމަ އެމަނިކުފާނުގެ ކެންޑިޑެންސީ ފޯރމް އިލެކްޝަންސް ކޮމިޝަންއިން ބަލައިނުގަންނާނެ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގް ވަނީ ވިދާޅުވެފައެވެ. ފުއާދު މިހެން ވިދާޅުވެފައިވަނީ “އަދަދު” ނޫހުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްއެއްގެ ތެރެއިންނެވެ.

