ކިތަންމެ ގަދަރުވެރި ބޭފުޅެއް ނަމަވެސް ގާނޫން ކުރިމަތީ އެންމެންވެސް ހަމަހަމަ ވާންޖެހޭ ކަމަށް މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.
އިޔާޒް މިހެން ވިދާޅުވެފައި މިވަނީ، ޝިޔާމް ފުރުން މަނާކުރި މައްސަލައިގެ ތެރެއަށް ފޮރިން މިނިސްޓްރީން ވަދެފައިވާ ކަަމަށް މިޑިއާތަކުން ރިޕޯޓް ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އެ ޓުވީޓުގައި ޝިޔާމްގެ ނަން އިޔާޒް ބޭނުންކޮށްފައެއް ނުވެއެވެ.
“ސަރުކާރު ކޯލިޝަންގެ ބައިވެރިޔަކަށްވީނަމަވެސް، އަދި ކިތަންމެ ޤަދަރުވެރި ބޭފުޅަކަށްވީނަމަވެސް، ޤާނޫނާއި ޤަވާޢިދުގެ ކުރިމަތީގައި ހަމަހަމަވާންޖެހޭނެ. ކުށްވެރިންނަށް ޙައްޤު އަދަބުލިބިދޭންޖެހޭނެ." އިޔާޒް ކުރި ޓުވިޓުގައި ވިދާޅުވިއެވެ.
ހިލްޓަން މައްސަލާގައި ސިންގަޕޫރްއިން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އަހުމަދު ހިފަހައްޓާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
ރާއްޖޭގެ މީޑިއާ އަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝިޔާމް އެ ގައުމަށް ވަޑައިގެންނެވުމުން ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، އޭނާ އެ ގައުމުން ފުރުންވެސް ވަނީ މަނާކޮށްފައެވެ.
ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ސަން ކުންފުނިން ބާތިލްކޮށްފައިވަނީ 2013 ގަ އެވެ. ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ސިޔާމްގެ ސަން ޓްރެވަލްސް އަށް އަންގައިފަ އެވެ. ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅައިފަ އެވެ.
އަދި އެ މައްސަލަ ސިންގަޕޫރުގައި ކުރިއަށް ގެންގޮސް 3 މަސްތެރޭ އެ ފައިސާ ދެއްކުމަށްވަނީ އަންގާފައެވެ.
މީގެ އިތުރުން، އެ ހުކުމާއި އެއްގޮތަށް ސަން ޓްރަވެލްސްއިން ފައިސާ ނުދައްކާތީ، ރާއްޖޭގެ ސިވިލް ކޯޓްގައި އެ މައްސަލަ ކުރިއަށް ގެންގޮސް، އެ ކުންފުނީގެ އެކައުންޓްތައް ސިވިލް ކޯޓުގެ އަމުރަކަށް ފްރީޒްވެސް ކޮށްފައިވެއެވެ.
އަދި ސިންގަޕޫރުގެ އާބިޓްރޭޝަނުން ސަން ޓްރެވެލްސްއިން ހިލްޓަންއަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ނިންމާފައިވަނިކޮށް، ސިވިލް ކޯޓުން ވަނީ 2017 ގައި ސަން ޓްރެވެލްސްއަށް ހިލްޓަންއިން 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހުކުމްކޮށްފައެވެ.
ނަމަވެސް ފަހުން ހައި ކޯޓުން އެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓަށް މައްސަލަ އަނބުރާ ފޮނުވާލީއެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ވަނީ ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.
ޝިޔާމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަންނަވަން ހެއްދެވި ކޯލިޝަނުގެ މައި ޕާޓްނަރއެކެވެ.

