ގިނަފަހަރަށް އަހަރެމެން އިންސާނުންނަށް ހަނދާނަކަށް ވެގެން ނޫނީ އެ ވަގުތު ހިގައިދިޔުމުން ނޫނީ އެ ކަމެއްގެ ހަގީގީ އަގު ނޭގެއެވެ. މީ ތެދެއްކަން އަހަރެމެންގެ ކުޑައިރުގެ ހަނދާންތައް އާކޮށްލުމުން އިހުސާސް ވެގެން ދާނެއެވެ. އެގޮތުން އާ ރަހުމަތްތެރިން އުފެއްދުމާއި، ކޮންމެ ސިކުންތެއްވެސް އުފަލުގައި އުޅުމާއި، ތަފާތު ގިނަ ގުނަ ތަޖުރިބާތައް ފޫހިކަމެއް ނެތި ކުރުން ފަދަ ކަންކަމަކީ ހަމައެކަނި ކުޑައިރުގެ އިހުސާސްއެއް ނޫނެވެ. އެއީ ހަނދާންތައް އާ ކުރުމުގެ މަރުހަލާއެކެވެ. ދިގު މުއްދަތަކަށް ދެމިހުންނަ، އަދި ދެމި ތިބެނިވި ގޮތުގައެވެ. ކުޑައިރު މިފަދަ ކަންތައް ކުރުމުުގައި ގިނަ ރަހުމަތްތެރިންތަކެއް އެކިގައި އުޅުނު ނަމަވެސް އެތަނުން ހާއްސަވާ އެއް ރަހުމަތްތެރިއަކު ތީގެން ކޮންމެ މީހެއްގެވެސް ހުންނާނެކަން ތަގީނެވެ. އެއީ ތިބާގެ ކުޑައިރުގެ “ބެސްޓް ފްރައިންޑް”އެވެ.
ކުޑައިރުގެ ރަށްޓެހިންނަކީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް ތިބޭނޭ ބައެކެވެ. އަދި އެއީ، ގިނަ ފަހަރަށް ދިރިއުޅުމުގައި އިތުރު އެތަކެއް ގިނަ ރަށްޓެހިންނަކާ ދިމާވި ނަމަވެސް ހަޔާތައް އަންނަ އެންމެ ހާއްސަ ރަށްޓެހިންކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ސަބަބަކީ، އެންމެ ފުރަތަމަ ފަހަރަށް ދިރިއުޅުމުގައި ދިމާވާ ކަންކަން ކިޔައިދެވި، އިންސާނެއްގެ ހަޔާތުގައި އެންމެ މުހިންމު އެއް ދައުރު ކަމަށްވާ، އެމީހެއްގެ ކުޑައިރުގެ ހަޔާތް އެކީގައި އުޅެވިފައި ގިނފަހަރަށް ވަނީ އެއްކަލަ ކުޑައިރުގެ ” ބެސްޓް ފްރައިންޑް” އާއި އެއްކޮށް ވުމުންނެވެ.
ދާދި ފަހުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން ރަހުމަތްތެރިކަމަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރާ ނޭދެވާ އަސަރުތަކުން ތިމާ ދުރުހެލިކޮށްދޭން އެހީތެރިވެދޭ ކަމެކެވެ. އަދި ޕްރީސްކޫލްގައި ދިމާވާ ރަހުމަތްތެރިންނަކީ އިޖުތިމާއީ އަދި ނަފްސާނީ ހުނަރުތައް ތަރައްގީކޮށް، އަމިއްލަވަންތަކަމުގެ އިހުސާސް އިތުރުކޮށް، ސްޓްރެސް ކުޑަކުރުމަށް އެހީވެދޭ އެއްޗެކެވެ. ސަބަބަކީ ތިމާގެ އިހުސާސްތައް ކިޔައިދެވޭނެ އިތުބާރުކުރެވޭ ފަދަ މީހެއް ހަޔާތުގައި ހުރުމަކީ ދިރިއުޅުމުގައި ދިމާވާ ތަކުލީފުތަކާއި ކުރިމަތިލާން އެހީތެރިވެދޭ ކަމަކަށް ވާތީއެވެ.
ނަމަވެސް ބައެއް ފަހަރު އަރެމެންގެ ދިރިއުޅުމުގެ މިސްރާބު ބަދަލުކޮށްލަންޖެހޭ މަންޒިލްތައް ތަފާތުވުމުގެ ސަބަބުން ކުޑައިރު ފެށުނު ރަހުމަތްތެރިކަން ނިންމާލަން ޖެހެއެވެ. އުމުރުން ދުވަސްވެ، އިތުރަށް ކިޔަވަން ދާ ހިސާބުން އެހެން މީހުންނާއި، ބައްދަލުވެ، ދިރިއުޅުމަށް އާ ރަށްޓެހިންތައް އަންނަން ފަށެއެވެ. އަދި އެހާ ހިސާބުން ކުޑަ އިރުގެ ރަހުމަތްތެރިޔާއާއި އޮންނަ ގުޅުން ހީނަރުވެގެން ދެއެވެ.
ނަމަވެސް ހަނދާން ބަހައްޓަންވީ ކަމަކީ ދިރިއުޅުމުގެ އެއްވެސް މަރުހަލާއެއްގައި ތިމާގެ ދިރުއުޅުމުން ބައެއް މީހުން ކުޑަކޮށް ދުރަށް ޖައްސާލުމަކީ މައްސަލައެއް ނޫން ކަމެވެ. ސަބަބަކީ ކުރިން ބުނެލިހެން ދިރިއުޅުމަށް އަންނަ ބަދަލުތަކާއި އެކު ހަގީގަތުގައި ބައެއް މީހުން ކުޑަކޮށް ދިރިއުޅުމުން ދުރުކޮށްލަން މަޖުބޫރުވާތީއެވެ. ނަމަވެސް ހަނދާން ބަހައްޓަންވީ އެންމެ މުހިންމު އެއްކަމަކީ މި ފަދަ ހާލަތްތަކުގައި ތިބާއާއި ރަހުމަތްތެރިޔާއާއި ދެމެދު އިތުބާރާއި އެކަކު އަނެކެއްގެ ކުރިއެރުމަށް އުފާވާންޖެހޭނޭ ކަމެވެ.
ނަމަވެސް މިއަދުގެ ދިރިއުޅުމުން ފެނިގެންދަނީ މިފަދައިން ނަގާލާ “ޑިސިޝަން” ތަކުން މުޅި އުމުރަށް އެ ރަހުމަތްތެރިން ގެއްލިގެން ދާތަނެވެ. އެކަކު އަނެކެއްގެ އުފަލަށް ނޭދޭ ތަނެވެ. ކިތަންމެ ދުރުގައި ތިއްބަސް ގުޅުން ދެމެހެއްޓޭނެ ގޮތްތައް މިއަދު މި ކުޑަ ދުނިޔެއިން އަހަރެމެންނަށް ލިއްބައިދީފައި އެބަހުއްޓެވެ. ނަމަވެސް ގުޅުން ރަނގަޅަށް ކުރިއަށް ގެންދިޔުމަށް އިސްނަގާލާނެ މީހަކު ނުވެއެވެ. އެކަކު ހަބަރު ނުވާތީ އަނެކަކުވެސް ނުވަނީ އެވެ. މީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.
އުމުރު ދުވަހުގެ އެކުވެރިކަން ދެމެހެއްޓުމުގެ ފައިދާތައް އެބަހުއްޓެވެ. ޒުވާން އުމުރުގައި ފެށުނު ރަހުމަތްތެރިކަމެއް ދެމެހެއްޓުމާ ބެހޭގޮތުން ވެސް ބުނަން ޖެހޭ ވާހަކައެއް އެބަހުއްޓެވެ. ތިބާގެ ހިތުގައި އުފާވެރި ހަނދާންތަކެއް އުފެދި، ހަގީގީ ތިބާ ދަންނަ މީހަކާ އޮންނަ ގާތްކަމުގެ މައްޗަށް ބިނާކޮށް ދިރިއުޅުމުގެ މަގެއް ހަދައިދީފާނެއެވެ.
ކުޑަކުދިންގެ ހައިސިއްޔަތުން އާންމުގޮތެއްގައި އަޅުގަނޑުމެންނަކީ ވަރަށް ބޮޑަށް އޯޕަންކޮށް، މިނިވަން ބައެކެވެ. ކުޑައިރުގެ މި ރަހުމަތްތެރިޔާއަށް އަހަރެމެންގެ ދިރިއުޅުމަށްޓަކައި ދެކެމުން އައި އެންމެ އަގުބޮޑު ހުވަފެންތައް އެނގޭނެއެވެ. ޒުވާން އުމުރުގައި ފަރުވާކުޑަ ދުވަސްތައް ހަނދާންކޮށްދީ، އަނެއްކާވެސް އެގޮތަށް އުޅެން ހިތްވަރު ދެވިދާނެއެވެ. ކުޑައިރުގެ އެކުވެރިކަން ކުރިއަށް ގެންދާނެތޯ ނުވަތަ ނޫންތޯ ނިންމާނީ ތިބާއަށެވެ.
ސުވާލަކީ ތިބާގެ ކުޑަ އިރުގެ ރަހުމަތްތެރިޔާއާއި އަދިވެސް އެކުވެރިކަން އޮވޭހެއްޔެވެ؟ މި ސުވާލަށް ޖަވާބު ދޭނީ ތި ކިޔުންތެރިޔާއެވެ..!

